އދ ގެ އިދާރާތަކުން ބުނާގޮތުން މިވަގުތު ދުނިޔޭގައި އޮތް ހައިހޫނުކަން އެންމެ ބޮޑު ތަނަކީ ގާޒާއެވެ.

އާބާދީގައި 2.2 މިލިއަން މީހުން ދިރިއުޅުނު ގާޒާގައި މިހާރު ދިރި ތިބީ 1.8 މިލިއަން މީހުން ކަމަށް ހިސާބުތަކުން ދައްކައެވެ. ބާކީ 400،000 އަށް ހެދީ ކިހިނެއްތޯ ސުވާލު އުފައްދާނަމަ އޭގެ ތެރެއިން 60،000 އެއްހާ މީހުން އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ.

ބޮލަށް ބޮން އަޅައިގެން، ނިދާފައި ތިއްބާ ފޭލިގެ ގޮއްވާލައިގެން އަދި ފިލާ ތިބެ ސީދާ ގަޔަށް ބަޑިޖަހައިގެންނެވެ. މީގެ އިތުރުން ކާނެ އެތިކޮޅެއް އަދި ބޯނެ ފެން ފޮދެއް އަދި ފާރުގަނޑުގައި ހާކާލާނެ ބޭސްކޮޅެއް ނުވަތަ ކާލާނެ ޕެނަޑޯލް ގުޅައެއްގެ މިންވަރުވެސް ލިބުނަ ނުދީ އެތައް ބަޔަކު ބަނޑަށް މަރައިފިއެވެ.

އިޒްރޭލުގެ ލާއިންސާނީ އަދި ހަނގުރާމައިގެ ޖަރީމާއަށް ނިމުމެއް ނެތެވެ. ގާޒާގެ ރައްޔިތުން މަރާ ހުސްކުރުމަށް ހިންގަނީ ގަތުލުއާންމެއް ކަމަށް ދުނިޔޭގެ އެކި އިދާރާތަކުން ގޮވަމުން ދާއިރު އިޒްރޭލުން އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އިޒްރޭލުގެ ހަރުކަށި ވަޒީރުން ބުނަމުން ދަނީ ކާނެ އެއްވެސް އެއްޗެއް ނުދިނުމަށާއި ހުރިހާ ރައްޔިތުން ގާޒާއިން ބާލާ ހުސްކުރާނެ ކަމަށެވެ.

ގާޒާ ހިންގާ އިދާރާތަކުން ބުނާގޮތުގައި ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ އެމީހުންގެ ހަމަލާތައް ވަރުގަދަ ކޮށް އެއްވެސް ބާރެއް އާރެއް ނެތް ރައްޔިތުން ޝަހީދު ކުރުމުގެ އާ ސިލްސިލާއެއް ފަށާފައެވެ. އެގޮތުން ކޮންމެ ދުވަހަކުހެން 100 އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދު ކުރެއެވެ. ގިނައީ ކުޑަކުދިންނެވެ.

ގާޒާ އަކީ އިޒްރޭލުން ވަށާ ބަންދު ކޮށްފައި އޮންނަ ތަނަކަށް ވާއިރު އިޒްރޭލުގެ ސީދާ ބެލުމުގެ ދަށުން ނޫނީ ގާޒާއަށް އެއްވެސް އެއްޗެއް ވެއްދުމާއި ނެރުން އޮންނަނީ މަނާވެފައެވެ.

ކާބޯތަކެތި ބަހާތަނުން ބަސްތާއެއް ކޮނޑަށް ލައިގެން މީހަކު ދަނީ

ގާޒާ ހަނގުރާމައަށް 2 އަހަރު ވާން ގާތްވެފައި ވާ އިރު، އިޒްރޭލުން ވަނީ އެމެރިކާގެ އެހީތެރިކަމާއެކު ގާޒާގެ ތައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގެ ނަމުގައި ދަންތުރައެއް ވެސް ޖަހާފައެވެ. ވަށައިގެން ކަށިނަރު ޖަހާ ބަންދުކޮށްފައި އޮންނަ އަދި ގަލާއި ކުނިބުނިން ފުރިފައި އޮންނަ 4 ކިލޯމީޓަރުގެ ދިގު މަގެއްގައި ފައިމަގުގައި ހިނގަން ގާޒާގެ ރައްޔިތުންނަށް ޖައްސައެވެ. ކާބޯތަކެތި ބަހާ ސަރަހައްދު ވަށާ ބަންދުކޮށްގެން ފުރިހަމަ ހަތިޔާރާއެކު އިޒްރޭލާއި އެމެރިކާ ސިފައިން ތިބެއެވެ. ހަނޑޫ ބަސްތާއެއް، ނުވަތަ ފުށް ބަސްތާއެއް ލިބިދާނެ ކަމުގެ އުއްމީދުގައި އެތައްހާސް ރައްޔިތުންނެއް ކޮންމެ ދުވަހަކު ފައިމަގުގައި ދަތުރު ކުރެއެވެ. އެ ލިބޭ އެއްޗެއް، ކޮނޑަށް ލެވޭ މީހުން ކޮނޑަށް، ބޮލަށް ލެވޭ މީހުން ބޮލަށް، ދަމާ ކޫތާފައި ގެންދެވޭ މީހުން އެގޮތަށް، ގެންދެވޭތޯ މަސައްކަތް ކުރެއެވެ. ނުލިބޭ މީހުން ހުސްއަތާ އެނބުރި ދާއިރު، ކާއެތިކޮޅު ހިފައިގެން ދާ މީހުންގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހާ ޝަހީދު ވެސް ކޮށްލައެވެ. އަނެއް ބަޔަކު އެ ދިގު ދަތުރުގެ މަތީގައި ހާންތިވެގެން ވެއްޓެއެވެ.

ކުރު ޖުމްލަތަކަކުން ގާޒާގެ ހާލަތު ބަޔާން ކުރެވޭ ވަރަށް ވުރެ، ގޯސް ކަމަށް ޔުނިސެފުންވެސް ބުނެއެވެ. އެމީހުން ބުނެފައި ވަނީ، ހައިހޫނުކަން ގާޒާގައި ފެތުރިފައި ވަނީ އިންތިހާއަށް ކަމަށާއި، އުމުރުން 6 މަހާއި 5 އަހަރާ ދެމެދުގެ 5119 ކުދިން މިހާރުވެސް އެޑްމިޓް ކޮށް ފަރުވާދެވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އިޒްރޭލުން މުޅި ގާޒާގެ ސިއްހީ ނިޒާމުވެސް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. ބޭހެއް، އައިވީއެއް، ދުޅަހެޔޮ ކާނާއެއް، ވެކްސިނެއް އެކައްޗެއްވެސް ނެތެވެ. ޑޮކްޓަރުންނާއި ނަރުހުންނަށް ވީ ގޮތަށް ވީވަރަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާއިރު، އެޑްމިޓް ކޮށްފައި ތިބި ކުދިންގެ ގާތުގައި އެ ކުދިންގެ ފުރާނަ ދާތަށް ދެކެން ގޮތް ހުސްވެފައި، ގިސްލަ ގިސްލައި ރޮއި ރޮއި އެ ތިބެނީ އެކުދިންގެ މައިންނެވެ. މަޔަކު ނެތް އެތައް ސަތޭކަ ކުއްޖަކު އެކަނިމާއެކަނި އެ އޮތީ އެކަނި މަރުވާށެވެ.

ޔުނިސެފުން އިތުރަށް ބުނީ، މި ހިނގާ ޖޫން މަސް ނިމޭއިރު މަދުވެގެން 16،736 ކުއްޖަކު އެހާލަތަށް ގޮސް ސީރިއަސް ވާނެ ކަމަށެވެ.