ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމްގެ ބައްޕަ ބަލަހައްޓަން ގެންގުޅުން ނޭޕާލް ފިރިހެނަކު ނަޒްރާގެ ފައިސާތަކެއް ފޭރުނު މައްސަލައިގައި ހައްޔަރު ކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި 23 އަހަރުގެ ނޭޕާލް ފިރިހެނަކު ދިވެހި އަންހެނެއްގެ އަތުން 1500 ޑޮލަރު ފޭރުނު މައްސަލައެއްގައި އެމީހާ ހޯދައިއިންޑިއާ ފުލުހުން ހައްޔަރުކޮަށްފައި ވާ ކަމަށެވެ. ދިވެހި އަންހެން މީހާ އިންޑިއާއަށް ގޮސް ހުރީ އޭނާގެ ބައްޕަގެ ބޭސް ފަރުވާއަށް ކަމަށާއި ޕްރައިވެޓް ހޮސްޕިޓަލެއްގައި އެ އަންހެން މީހާގެ ބައްޕައަށް ފަރުވާ ދެމުން ދިޔަ ކަމަށެވެ.
މި ނޭޕާލް ފިރިހެން މީހާއަކީ އެ އަންހެން މީހާގެ ބައްޕަގެ ކަންކަން ބަލަހައްޓަން ގެންގުޅޭ މަސައްކަތު މީހެއް ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.
މި ހަބަރު ހިއްސާ ކުރައްވަމުން ނަޒޫ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ މަހު އޭނާގެ ބައްޕަގެ ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ދިޔައީ، ބައްޕަ ބަލަހައްޓަން އަންޖަން ކިޔާ ނޭޕާލް މީހެއް ގޮވައިގެން ކަަމށެވެ. ބައްޕަގެ ސާޖަރީއަކަށް ދިޔަ ނަމަވެސް، އެކަން ނުކުރެވި ހީކުރި ވަރަށް ވުރެ ކޮޗިންގައި ތިބެން ޖެހުނު ދުވަސް ގިނަވި ކަމަށާއި ކޮންމެ ރެއަކު ވެސް ބައްޕަ ކައިރީ ހޮސްޕިޓަލްގައި ނަޒްރާ އާއި ދައްތަ ތިބުމަށް ފަހު، އަންޖަން ފެންވަރާ ރީތިވުމަށް އެޕާޓްމަންޓަށް ފޮނުވާ ކަމަށް ނަޒްރާ ވިދާޅުވިއެވެ.
ނަމަވެސް އެ ގޮތަށް އެއް ރޭ އެޕާޓްމަންޓަށް ފޮނުވުމުން އޭނާގެ ހަބަރެއް ނުވި ކަމަށާއި ސީސީޓީވީ ފުޓޭޖު ބެލިއިރު ހަމަޖެހިލައިގެ ފިލާ މަންޒަރު ފެނުނު ކަމަށް ނަޒްރާ ވިދާޅުވިއެވެ. އޭނާ ދިޔަ އިރު ބޭސްފަރުވާގެ ކަންކަމަށް ގެންދިޔަ ފައިސާއިން ގިނަ އަދަދެއް ހިފައިގެން ފިލާފައިވާ ކަމަށް ނަްޒާޜަ ވިދާޅުވިއެެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައިވާ ގޮތުގައި އެ މައްސަލަ ކޮޗިން ފުލުހުންނަށް ރިޕޯޓްކުރުމުން އޭނާގެ ފޯން ޓްރެކްކޮށް، އެ މީހާ ހޯދާފައި ވަނީ މުމްބާއީގެ އަވަށެއް ކަމަށްވާ ތާނޭގެ ހޮޓަލެއްގައި ކައްކާއެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށެވެ. އޭނާ ހޯދާ ހައްޔަރުކުރުމުން، ވަގަށް ނެގި ފައިސާގެ ބައެއް ނޭޕާލަށް ފޮނުވި ކަމަށާއި އަނެއް ބައި އޭނާގެ އަމިއްލަ ބޭނުންތަކަށް ހަރަދު ކުރި ކަމަށް އިއުތިރާފްވެފައިވާ ކަމަށް ވެސް އިންޑިއާގެ ފުލުހުން ބުނެފައި ވެއެވެ.
ނަޒްރާ ވަނީ އެ މީހާ ހޯދައި އެކަން ތަހުގީގު ކުރުމުގައި އިންޑިއާ ފުލުހުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ކަމުގައި އެހީތެރިވި އިންޑިއާގެ ސަރުކާރާއި މީހުންނަށް ހާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ.