ރަސްފަރީ ރީފް ރިސްޓޯރޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގާ އޮބްލޫ-ސެލެކްޓް ސަންގެލި (އޯއެސްއެސް) އާއި އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އީޕީއޭއިން ބުނީ، ރަސްފަރި މެރިން ޕްރޮޓެކްޓެޑް އޭރިއާގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ކޮރަލް ރީފް ރިސްޓޯރޭޝަން ޕްރޮގްރާމްގެ ޕާޓްނަރެއްގެ ގޮތުގައި ސަންގެލި ވެގެން ދިއުމަކީ ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ.

މީގެ ކުރިން މި މަޝްރޫއުގައި އެހީވުމަށް އެމްޑަބްލިއުއެސްސީ އިން ވެސް ވަނީ ފަހުމުނާމާއެއްގައި ސޮއެ ކޮށްފައެެވެ.

ރަސްފަރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު) ގެ ދަށުން 1995 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިން ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ގާހުޅުނބު ލަނޑައާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.

ނަމަވެސް 2021 ވަނަ އަހަރުގެ އޮގަސްޓު މަހު އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރު ކުރަނިކޮށް، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓު، ސަރުކާރުން ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް އެރީ އޮގަސްޓް 18، 2021 ގައެވެ. އެ ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވަނީ މަރުވެފައެވެ.

ބޯޓުގެ ޖޫރިމަނާ އާއި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 893 މިލިއަން ރުފިޔާ ދައްކަން އެ ބޯޓުގެ ވެރިފަރާތަށް އީޕީއޭގެ ސާވޭއަށް ފަހު އެންގި އެވެ. އެކަމަކު ފަހުން ވަނީ އެ އަދަދު ކުޑަކޮށްދީފަ އެވެ. ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ އެ ބޯޓުގެ ވެރިފަރާތުން ވަނީ އީޕީއޭއަށް ދައްކައިފައެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން މިހާތަނަށް ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނު ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުން ރަނގަޅު ކުރުމަށް ހަރަދު ކުރުމަށް ޝަރުތުކޮށް ދައުލަތަށް ފައިސާ ހޯދުނު މިއީ ފުރަތަމަ ފަހަރު ވެސް މެއެވެ.