ވަޒީފާގެ މާހައުލަކީ އިންސާނުންގެ ދިރިއުޅުމުގެ ވަރަށް މުހިންމު ބައެކެވެ. ގިނަ ބަޔަކު ދުވާލެއްގެ ގިނަ ވަގުތު ހޭދަކުރަނީ މަސައްކަތުގެ މާހައުލުގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންކަމުން ތިމާ ވަޒީފާ އަދާކުރާ މާހައުލަކީ ތިމާއަށާއި ދެން ތިބޭ މުވައްޒަފުންނަށް ނަފްސާނީ ގޮތުން ދުޅަހެޔޮކަން ގެނެސްދޭ ތަނަކަށް ވުމަކީ މުހިންމު ކަމެކެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ނަފްސާނީ ބަލިތަކުން ސަލާމަތްވެ ހުރުމެއް ނޫނެވެ. އެއީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އަދި އިޖްތިމާއީ ގޮތުން ފުރިހަމަ ދުޅަހެޔޮކަމެއްގައި ހުރުމެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ވުމަކީ އެމީހުންގެ އުފެއްދުންތެރި ކަމާއި މަސައްކަތުގެ ފެންވަރު މަތިވެ މުޅި ކުންފުނީގެ ކުރިއެރުމަށް މަގުފަހިވެގެން ދާ ކަމެކެވެ. ނަމަވެސް ދިރިއުޅުމުގައި އެކި ކަންކަމާއި ހާސްވެ، ކަންބޮޑުވުމަކީ ކޮންމެ މީހަކަށްވެސް ދިމާވާނެ ކަމެކެވެ. ވަޒީފާގެ މާހައުލުގެ އިތުރުން އަމިއްލަ ދިރިއުޅުމުގައާއި އާއިލާގެ ކަންކަމުގައިވެސް މިފަދަ ހާލަތްތަކާއި ކުރިމަތިވެއެވެ. އެހެންކަމުން މިފަދަ ހާލަތްލަތުގައި އަމަލު ކުރާނެ ގޮތް އިނގިފައި އޮތުމަކީ މުހިންމު ކަމެކެވެ.
އެހެން މީހުންނާ ގުޅިގެން އުޅުން
އެކަކު އަނެކަކާ ވާހަކަ ދައްކާލައި ތިމާގެ އިހުސާސްތައް ބަންޑުން ކޮށްލުމަކީ ހިތައް ހަމަޖެހުން ގެނުވާ އުފާވެރިކަން ގެނެސްދޭ ކަމެކެވެ. އެހެންކަމުން ތިމާ ދިރިއުޅޭ ތަނަކާއި ތިމާ ވަޒީފާ އަދާކުރާ މާހައުލުގައި އެކަކު އަނެކަކާ އޮންނަ ގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ދާއިރާގެ މާހިރުންވެސް އިރުޝާދު ދޭ ގޮތުގައި ހިތް ނުތަނަސްވާ ކަންކަން ހިއްސާ ނުކުރާނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. އެގޮތުން ބައެއް މީހުން "ޑިޕްރެޝަން" އަށް ދިއުމަށްވެސް މަގުފަހިވެއެވެ.
މިކަން އެންމެ ބޮޑަށް ފާހަގެވެގެން ގޮސްފައިވަނީ 2019 ވަނަ އަހަރު މުޅި ދުނިޔެ ސިއްސުވާލާ ދުނިޔެ ހުއްޓުމަކަށް ގެނުވި ކޮވިޑް-19 ޕެންޑަމިކުގެ ތެރެއިންނެވެ. ގައުމުތައް ލޮކްޑައުން ކޮށް ގޭގޭގައި ތާށިވެފައި މީހުން ތިބި ދުވަސްކޮޅަކީ ނަފްސާނީ ގޮތުން ގިނަ އަދަދެއްގެ ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރި ދުވަސްތަކެކެވެ. ސުކޫލުތަކާއި ކޮލެޖުތައް ބަންދުވެ ގޭގޭގައި "ވޯކް ފްރޮމް ހޯމް" ކުރަން ޖެހުމުން އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަ ދައްކާލާ ތިމާގެ އިހުސާސްތައް ހިއްސާ ކޮށްލުމުގެ ފުރުސަތު ގެއްލިގެން ދިޔައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރުމެވެ.
މީގެއިތުރުންވެސް ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ގިނަ އަދަދެއްގެ ކަންކަން ކުރެވިދާނެއެވެ.
އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރުމާއި ދަސްކުރުން
ދުނިޔެ ތަހުޒީބުވަމުން ދާ ވަރަކަށް އަބަދުވެސް އާ ކަންކަމާއި ވައްޓަފާޅިތައް ދަނީ ތައާރަފް ވަމުންނެވެ. ވަޒީފާގެ މާހައުލުވެސް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ. ޓެކްނޮލޮޖީގެ ގޮތުންވެސް ދުނިޔެ ކުރިއަރަމުން ދާއިރު، މިއީ މީހުން އިތުރަށް ސަމާލުކަން ދީ އާ ކަންކަން ދަސްކުރަން ޖެހޭ ދާއިރާއެކެވެ. އާ ކަންކަން ދަސްކޮށް ތަޖުރިބާ ކުރުމަކީ މީހާގެ ސިކުނޑީގެ ބާރު ގަދަކޮށްދޭ ކަމަކަށް ވާއިރު، މިއީ އުފާވެރިކަންވެސް ގެނުވާ ކަމެކެވެ. ވަޒީފާގެ މާހައުލުގައި މީގެކުރިން އުނގަދޫ އެތައް މަސައްކަތެއް މިހާރު ފަސޭހަކަމާއެކު އޭއައި ބޭނުންކޮށްލައިގެން ވެސް ކުރެވެއެވެ. ނަމަވެސް މިފަދަ އެޑްވާންސްޑް ސޮފްޓްވެއާތައް ބޭނުންކުރުމަށް ތަމްރީނުވެފައި ތިބުމަކީ މުހިންމު ކަމެކެވެ.
އާ ކަންކަން ދަސްކުރުމަށް ތަފާތު ކޯހެއް ހަދާލެވިދާނެއެވެ. ނުވަތަ ތަޖުރިބާ ދަތުރުތައް ރާވާ އެފަދަ ދަތުރުތައް ކުރެވިދާނެއެވެ. މިއީ މިހާރުވެސް ގިނަ ކުންފުނި ތަކުން ހާއްސަ ސަމާލުކަމެއް ދީގެން ކުރާކެމެވެ. އެގޮތުން އެތަނެއްގެ މުވައްޒަފުންނަށް ޓްރެއިނިންތައް ދިނުމާއި، ތަޖުރިބާ ދަތުރުތަކުގެ އިތުރުން ތަޖުރިބާ ކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ތިމާ އަދާކުރާ ވަޒީފާއެއްގައި ތަޖުރިބާކާރު މީހަކަށް ވެވުމަކީ އަމިއްލަ ނަފްސަށްވެސް އޮންނަ އިތުބާރު ބޮޑުވާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އުފާވެރިކަން ގެނުވާ ވަޒީފާ އަދާކުރާ ހިތްވެސް ޖެހިގެންދެއެވެ.
ނުރަނގަޅު އާދަތަކުން ދުރުހެލިވުމާއި މާ ބޮޑަށް ފިކުރުކުރުމުން ދުރުހެލިވުން
ދިރިއުޅުމުގައި ތިމާ ކުރާ ނޭދެވޭ ކަންކަމަކީ އެކަމުގެ އަސަރު ވަޒީފާގެ މާހައުލުގައިވެސް ކުރާނެ ކަމެކެވެ. މިސާލަކަށް ސިނގިރޭޓު ބޯ މީހެއް ނަމަ، ވަޒީފާގެ މާހައުލުގައި ލިބޭ ކުޑަ ބްރޭކެއްވެސް ބޭނުން ކޮށްލާނީ އެކަން ކޮށްލުމަށެވެ. ނަމަވެސް މީގެ ބަދަލުގައި އެފަދަ ވަގުތުތަކުގެ ބޭނުންވެސް ހެޔޮ ގޮތުގައި ހިފުމަކީ މުހިންމު ކަމެކެވެ. ރައްޓެހިންނާއި ވާހަކަ ދައްކާލާ އެތަނުގެ ކަންކަން ތަޖުރިބާ ކޮށްލާ ހަގީގީ އުފާވެރިކަން ހޯދޭނެ މަގުތައް ހިޔާރު ކުރުމަކީ މުހިންމު ކަމެކެވެ.
މީގެއިތުރުން އަމިއްލަ ދިރިއުޅުމުގައި ހިނގާ ކަންކަމާއި ވަޒީފާގެ މާހައުލުގައި ތިމާގެ މޫޑާއި އުޅުމާއި އަހުލާގު ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ. އެގޮތުން ގޭގައި ހިންހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެނަމަ ގިނަ ފަހަރަށް އޮފީހަށްވެސް ނުވަތަ ވަޒީފާ އަދާކުރާ މާހައުލަށްވެސް އާދެވެނީ އެފަދަ މޫނަކާއެކުއެވެ. މިކަމުގެ ސަބަބުން ތިމާގެ މަސައްކަތައްވެސް ބުރޫ އަރައެވެ. މިއީ އިންސާނާގެ ތޮބީއަތުގައި ލައްވާފައި ވާކަމެއް ނަމަވެސް "ސްޓްރެސް" މެނޭޖުކުރުމަށް އަމިއްލަ އަށް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން ގަވައިދުން ކަސްރަތު ކުރުމާއި، 8 ގަޑީރުގެ ނިދި ހާސިލުކުރުމާއި ފައިދާހުރި ކާނާ ކެއުމަކީވެސް ސްޓްރެސް މެނޭޖުކުރުމަށް ކުރެވިދާނެ ކަންކަމެވެ. ނުވަތަ ތެރަޕިސްޓުންނާއި، ސައިކޮލޮޖިސްޓުންގެ އެހީތެރިކަން ވެސް ހޯދިދާނެއެވެ.
ވަޒީފާގެ މާހައުލުގައި އުފާވެރިކަމާއެކު ދެމިހުރުމަށް މިކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދެވޭ މާހައުލެއްގައި ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި ހިތްހަމަޖެހުން ލިބި، މަސައްކަތަށް ޝައުޤުވެރިކަން ވެސް އިތުރުވެގެން ދެއެވެ. މިއީ ތިމާއަށާއި ތިމާގެ ވަށައިގެންވާ މީހުންނަށްވެސް އުފާވެރިކަން ގެނުވާނެ ކަމެކެވެ.