އީރާނަށް ހަމަލާދީ، އިޒްރޭލުން ގާޒާގެ މުސްލިމުން މަރާ ހުސްކުރަން ހިންގާ ޖަރީމާގެ ފޯކަސް ބަދަލުކޮށްލުމަށް ފަހު ވީ 12 ދުވަސް ތެރޭގައި 870 މީހުން ޝަހީދު ކޮށްލިއެވެ.

ދުނިޔޭގެ ކަޅި ނުވަތަ ޝައުގުވެރިކަން އީރާނަށް ހުއްޓުނު ވަގުތުގެ ބޭނުން ހިފައި ޔަހޫދީ ދައުލަތުން ހިންގި ނުބައި ޖަރީމާގައި 870 މީހުން ޝަހީދު ކޮށްލި އިރު ގިނައީ ކާބީތަކެތި ހޯދަން އެއްވާ މީހުންނެވެ. އިޒްރޭލާއި އެމެރިކާގެ ކޮންޓްރޯލުގެ ދަށުން ކާބޯތަކެތީގެ މިންވަރެއް ދޫކުރަމުން ދާ އިރު އެ ހޯދަން ކޮންމެ ދުވަހަކު އެތައް ކިލޯމީޓަރަކަށް ހިނގަން އާންމުންނަށް ޖައްސައެވެ.

ބައެއް ދުވަސް ދުވަހު ހުސް އަތާ އެނބުރި ޖަގަހައަށް އަންނަން ޖެހޭ ކަމަށާއި، ކާއެތޮކޮޅެއް ލިބޭނެ ކަމުގެ އުއްމީދުގައި އަދި އިޒްރޭލުގެ ހަމަލާއެއްގައި އަދި ޝަހީދު ނުވެ ދުނިޔޭގައި ތިބި ދަރިންގެ ހައްގުގައި ތަކުރާރު ކޮށް އެ ދަތުރު ކުރެއެވެ.

މިހެން ގިނަ ބަޔަކު އެއްވަމުން ދާއިރު އިޒްރޭލުގެ ސިފައިން އެމީހުންގެ ގަޔަށް ގަސްދުގައި ބަޑިޖަހާ ޝަހީދު ކޮށްލައެވެ.

ކޮންމެ ދުވަހަކު 34، 50، 90 އިން ޝަހީދު ކުރަމުން ދިޔަ އިރު ދުނިޔޭގެ ނަޒަރު ހުއްޓިފައި ހުރީ އިޒްރޭލާއި އީރާނުގެ ހަނގުރާމައަށެވެ.

12 ދުވަހަށް ދެމިގެން ދިޔަ ހަނގުރާމައިގައި އީރާނުން 400 މީހަކު މަރުވެ 3000 މީހަކު ޒަހަމްވެފައި ވެއެވެ. އިޒްރޭލުން 28 މީހަކު މަރުވެ 300 މީހަކު ޒަހަމްވެފައި ވެއެވެ.

12 ދުވަހަށް ފަހު އީރާނާއި އިޒްރޭލުން ހަމަލާތައް ހުއްޓާލައިގެން ތިބި ނަމަވެސް އިޒްރޭލުން ގެންދަނީ ބަހަނާތައް އުފަންކޮށް އީރާނަށް ތުހުމަތުތައް ކޮށް ހަމަލާ ހުއްޓާލަން ވި އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް ބުނަމުންނެވެ.

އިޒްރޭލުން ބުނަނީ ހަމަލާތައް ހުއްޓާލި ފަހުން އީރާނުން މިސައިލް ހަމަލާއެއް އަނެއްކާވެސް ދީފި ކަމަށާއި އެ ހަމަލާގައި ބީރްޝެބާ އިން މަރުވި މީހަކީ 18 އަހަރުގެ ސިފައިންގެ މީހެއް ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ ވަގުތު ޖެހުމުގެ ކުޑައިރުކޮޅެއްގެ ކުރިން އީރާނުން ބީރްޝެބާ އަށް މިސައިލް ހަމަލާއެއް ދިން އިރު އެ ހަމަލާގައި 4 މީހަކު މަރުވިއެވެ. އެ ހަމަލާއާ ގުޅިގެން ވެސް އިޒްރޭލުން ބުނީ އީރާނުން ހަމަލާ ދިނީ ގަޑި ހަމަވި ފަހުން ކަމަށާއި، ބަދަލު ހިފަން އިޒްރޭލުން ވަނީ އީރާނުގެ މެދުތެރެއިން ރާޑަރު ސްޓޭޝަނަކަށް ބޮމެއް ވައްޓާލާފައެވެ.

އިޒްރޭލުން ވަގުތުގެ ބޭނުން ހިފައި ގާޒާގެ ރައްޔިތުން ޝަހީދު ކުރަމުން ދާ ކެމްޕެއިންގައި ކަބޯތަކެތި ބަލައި ގޮސް ތިއްވާ ހަމަލާ ދީ ޝަހީދު ކޮށްލި މީހުންގެ އަދަދު ވަނީ 400 އަށް އަރާފައެވެ. އަދި އެ ހަމަލާތަކުގައި 1000 މީހަކު ޒަހަމްވެފައި ވާއިރު، ގާޒާގެ އެހެން ސަރަހައްދުތަކަށް ދޭ ހަމަލާތަކުގައިވެސް އެތައްބަޔަކު ދަނީ ޝަހީދު ވަމުންނެވެ.