ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދަން އުޅުނު މައްސަލައިގައި ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އެޕާޓީގެ ހަރަކާތްތަކުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަ ތޯރިގަށް ނޭނގި، ސައްހަ ނޫން ލިޔުމެއް ހަދައިގެން ޕީއެންސީއަށް ވެއްދި މައްސަލަ، މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައި ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލައިގައި މި މަހުގެ 1 ވަނަ ދުވަހު ދިން ޖަވާބުގައި ބުނެފައިވަނީ ފޯމުގައި ޖަހާފައިވާ ފިންގަޕްރިންޓް ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް ފިންގަޕްރިންޓަކާ ދިމާނުވާ ކަމަށެވެ.
އެހެންކަމުގައި އެއީ ސައްހަ ފޯމެއް ކަމަށް ނުފެންނާތީ އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕީއެންސީ 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން ފުލުހުންނަށް އީސީއިން އަންގާފައިވާ ކަމަށްވެސް މި ޖަވާބުގައިވަނީ ބުނެފައެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަމަށެވެ.
ޅުވީ އޭނާގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހަށް ހުށަހެޅުމުން ވެސް ބަލައިނުދިންކަމަށް ވިދާޅުވެ ތޯރިގު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މިގޮތަށް މިކަން ނިންމާފައި މިވަނީ ސްކޭމް ތަކަށާއި މިފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމުގައި ތޯރިގުވަނީ ސިފަކޮށްފައެވެ.
މީގެ އިތުރުން ތޯރިގު ވަނީ ފޯމު ފުރި މީހުންނާއި ހެކިންނާއި ޗެކުކުރި މީހުންނާއި ފޯމު ހުށަހެޅި މީހުންނާއި އެ މީހުންގެ ސޮޔާއި ފިންގާޕްރިންޓް އެނގެން އޮތްއިރު މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި މައްސަލަ ނިންމާލި މައްސަލަ ބަލައިދިނުމަށް ނޭޝަނަލް އިންޓެގްރެޓީ ކޮމިޝަން (އެންއައިސީ) އިން އެދިފައެވެ. އަދި މި މައްސަލަ އަލުން ބެލުމަށް އަމުރު ކޮށްދިނުމަށް ޕީޖީން އެދިފައިވާއިރު މިމައްސަލަ އަލުން ބެލުމަށް ފުލުހުންގެ އިދާރާ އަށް ވެސް އޭނާވަނީ ގޮވާލާފައެވެ.