ވޯލްޑް ބޭންކް އާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ 45 އަހަރުގެ ގުޅުމާއި، ދިވެހިރާއްޖޭގެ ތަރައްގީގެ އެޖެންޑާ އަށް ވޯލްޑްބޭންކުން ދެމުން ގެންދަވާ އެހީ އާއި އެއްބާރުލުން މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވޯލްޑް ބޭންކުގެ ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ ދެއްވައިފިއެވެ.

މާޓިން ރެއިސާ ރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ދަތުރުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިޒު އާއި މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު، މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ ތޯރިގް އިބްރާހިމް، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުގެ އިތުރުން އެހެން ވަޒީރުންނާ އަދި ޑިވެލޮޕްމެންޓް ޕާޓްނަރުންނާއި ބައްދަލުކުރައްވަވާފައެވެ.

ރާއްޖެއަށް އިގްތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލަމުން މާޓިން ރެއިސާ ވިދާޅުވީ ދައުލަތުން ކުރާ ހޭދަތައް މަތިވުމާއި، ބޭރުފައިސާގެ ރިޒާވްގެ މަދުކަމާއި، ދަރަނި ބޮޑު ވުމާއި ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓަރެސްޓް ރޭޓު މަތިވުމާ ގުޅިގެން ކުރިމަތިވެދާނޭ ނުރައްކާތަކަށް ރިއާޔަތްކޮށް އަވަހަށް ފިސްކަލް ރިފޯމްތައް ގެނައުމުގެ މުހިންމުކަމަށެވެ.

މީގެ އިތުރުން މާޓިން ރެއިސާ ވިދާޅުވީ ދިވެހިރާއްޖެއިން ފާހަނގަކުރެވޭ މިންވަރަށް ކުރިއެރުން ހޯދާފައިވާކަމަށާ މި ގޮތުން ސިއްހީ ފަރުވާ، ތައުލީމު، ބޯހިޔާވަހިކަން އަދި އެހެނިހެން އާއްމުހިދުމަތްތައް ހިމެނޭހެން އެކި ދާއިރާތަކުން ނަތީޖާ ހާސިލުކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ފިސްކަލް ދަރަނީގެ އިތުރުން ބޭރުގެ އެކިއެކި ފަރާތްތަކަށް އަދާ ކުރަންޖެހޭ ދަރަނި ބޮޑުވުމުގެ ސަބަބުން މި ކުރިއެރުންތަކުގެ ފައިދާ ލިބުމަށް ހުރަސްތައް މެދުވެރިވާނެތީ ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ހަރަދުތައް މަދުކުރުމަށާއި އާމްދަނީ އިތުރުކޮށް ދަރަނި ބެލެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަންޖެހޭކަމުގައި މާޓިން ރެއިސާ ވިދާޅުވިއެވެ. "ގައުމުގެ ކުރިއެރުމަށް އެންމެ މުހިންމު ދާއިރާތައް ކަމުގައިވާ ރައްޔިތުންގެ ކުރިއެރުމާއި، ގުދުރަތީ ނިޒާމާއި އުމްރާނީ ތަރައްގީ ދެމެހެއްޓެނިވިގޮތެއްގައި ލިބިގަނެވޭނީ އޭރުން" މާޓިން ރެއިސާ ވިދާޅުވިއެވެ.

މީގެ އިތުރުން މާޓިން ރެއިސާ ވިދާޅުވީ ވޯލްޑް ބޭންކާއި ސަރުކާރުން ގުޅިގެން ފެބްރުވަރީ 6 ވަނަ ދުވަހު ނެރުނު، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓު، "ހިއުމަން ކެޕިޓަލް ރިވިއު ފޯ ދަ މޯލްޑިވްސް" އިން ދައްކާގޮތުން ދިވެހިރާއްޖޭގެ އިންސާނީ ކެޕިޓަލް ހުރީ މި ސަރަހައްދުގެ އެހެން ކުދި ޖަޒީރާ ގައުމުތަކާއި، އާމްދަނީގެ ގޮތުން ވާދަކުރާ ކުދި ގައުމުތަކަށް ވުރެ މަތީގައި ނަމަވެސް ސަރަހައްދީ އަދި މިންތީގެ ނަހަމަކަން އަދިވެސް ރާއްޖޭގައި އެބައޮތް ކަމަށެވެ. އަދި ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހިފައިވާ އިރު އުފެދިފައި ހުރި ފަރަގުތައް ހަނިކުރުމަކީ އިތުރަށް މާލީ ހޭދަކޮށްގެން ހައްލުކުރެވޭނެ ކަންކަމެއް ނޫންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އޭގެ ބަދަލުގައި އިސްކަންދޭ ތަރުތީބަކުން ކުރަން މުހިންމު ހޭދަތައް ތަރުތީބުކޮށްގެން ހޭދަކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތައް ދަނެގަނެ އެފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމާއި، ރަށްރަށުން ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ކަށަވަރުކުރަންޖެހޭ ކަމެއްކަމަށާ މި މަސައްކަތުގައި ވޯލްޑް ބޭންކް ގްރޫޕްގެ މާލީ އަދި ފަންނީ އެހީ ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް މާޓީން ރެއިސާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީ އަށާއި ތިމާވެއްޓަށް ކުރިމަތިވަމުން އަންނަ ނެތިދިޔުމުގެ ނުރައްކާތަކަށް ސަމާލުކަން ދިނުމާއި ބެހޭގޮތުން ވެސް މާޓިން ރެއިސާ ވާހަކަދެއްކެވިއެވެ. މިގޮތުން އިގްތިސާދީ ލޮޅުންތަކާއި މޫސުމީ ގޮތުން ކުރިމަތިވާ ކަންކަން ގުޅިލާމެހިފައި ކަމަށާއި، އިންވެސްޓްކުރާއިރު، ތަރައްގީގެ ބައިވެރިން، ޕްރައިވެޓް ސެކްޓާ އަދި ސަރުކާރުތަކުން އެކުގައި ގުޅިގެން ޓްރިޕަލްޑިވިޑެންޑް ހޯދޭނެ އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތައް ދެނެގަތުމަކީ މުހިންމުކަމެއްކަން ވެސް މާޓިން ރެއިސާ ވިދާޅޫވިއެވެ.

ވޯލްޑް ބޭންކާއި ދިވެހި ދައުލަތާއި ދެމެދު އޮންނަ ގުޅުމަށް މިހާރުވަނީ 45 އަހަރު ފުރިފައެވެ. ވޯލްޑް ބޭންކުގެ އެހީގައި މިވަގުތު ރާއްޖޭގައި 10 މަޝްރޫއެއް ހިނގަމުން އެބަދެއެވެ. އޭގެތެރޭގައި ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ އެހީގައި ހިންގާ ޕްރޮޖެކްޓާއި ރީޖަނަލް އެއް ޕްރޮޖެކްޓް، އަދި އައިޑީއޭ ގެ ގެރެންޓީ އޮޕަރޭޝަންއެއް ހިމެނެއެވެ. މި ޕްރޮޖެކްޓުތަކުގެ ޖުމުލަ އަގަކީ 217 މިލިޔަން ޑޮލަރެވެ.

މި ޕްރޮޖެކްޓުތައް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ، ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް، ޔޫތް ރެސިލިއެންސް އަދި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުން، ޑިޖިޓަލް ޑިވެލޮޕްމަންޓް، އާބަން ޑިވެލޮޕްމަންޓް، ކުނި މެނޭޖްކުރުން، ކޮވިޑް 19 ގެ އިޖާބީ މަސައްކަތްތައް، މަސްވެރިކަން، މަސައްކަތްތެރިން، ސިއްހީ ނިޒާމު، ތައުލީމީ ނިޒާމުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ ހިމެނެއެވެ. އަދި މެކްރޯ ފިސްކަލް މޮނިޓަރިން އާއި ޕޮލިސީ އެނަލައިޒް ކުރުން، މާލީ ދާއިރާ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ އާއި ފަގީރުކަން ނައްތާލުމުގެ މަސައްކަތަކަށް ވެސް އެނަލަޓިކަލް ސަޕޯޓު ވޯލްޑް ބޭންކުން ދެއްވައެވެ.