ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި މަލްޓިލޭޓަރަލް ބޭންކްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިހެން ވިދާޅުވީ އެމެރިކާގެ ވޮޝިންޓަންގައި ކުރިއަށްދާ ވޯލްޑްބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ވޯލްޑް ބޭންކާއި އައިއެމްއެފްގެ ޗެއާގެ ހައިސިއްޔަތުން ތަގުރީރު ކުރައްވަމުންނެވެ.

މުނައްވަރު ވިދާޅުވީ، އިގްތިސޯދީ ގޮތުން ގޮންޖެހުން ބޮޑު ކަންތައްތަކެއް އެބަހުރި ކަމަށާއި، ހާއްސަ ގޮތެއްގައި މޫސުމީ ބަދަލުތަކާއި ދަރަނި މެނޭޖް ކުރުމާއި ނިޒާމީ ބަދަލުތަކަކީ އެންމެ ބޮޑެތި ގޮންޖެހުންތައް ހުރި ކަންކަން ކަަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށާއި، ރާއްޖެއިން ވަނީ 2028 ވަނަ އަހަރާ ހަމައަށް 33 ޕަސެންޓް ކަރަންޓް އިއާދަކުރުވަނިވި ހަކަތައިން އުފެއްދުމަށް ނިންމާފައި ކަމަށެވެ. މި މަޝްރޫއުއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވި ނަމަވެސް މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ އެންމެ 13 ޕަސެންޓް ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ހޭނުމުގެ އިތުރުން މާލީ ގޮތުން ވެސް ފައިދާތަކެއް ކުރާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އެގޮތުން ތެލަށް ކުރަންޖެހޭ ހަރަދު ކުޑަވުމަކީ ބޭރުފައިސާ ހަރަދު ކުރަން ޖެހޭ މިންވަރު މަދު ކުރެވޭނެ ކަމެއް ކަމަށެވެ.

އައިއެމްއެފްގެ ރެސިލިއަންސް އެންޑް ސަސްޓެއިނަބިލިޓީ ފަންޑް އިން މިާހަރުވެސް އެތައް އެހީއެއް ފޒޯރުކޮށް ދެމުން އަްނނަ ކަން ފާހަގަ ކުރައްވަމުން މުނައްވަރު ވިދާޅުވީ، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާގައުމުތަކަށް ބުރައަކަށް ނުވާނޭ ގޮތަށް މޫސުމީ ގެއްލުންތަކުން އަރައިގަތުމަށާއި އިއާދަކުރުވަނިވި ހަކަތައަށް ބަދަލުވުމަށް އެހީވުމަށް އިތުރު އިންތިޒާމުތައް ހަމަޖެއްސުން މުހިންމު ކަމަށެވެ. އަދި މި ކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް އާ ސްޓްރެޓެޖީތައް އެކުލަވާލުމަކީ މުހިންމުކަމެއްގެ ގޮތުގައި މުނައްވަރު ފާހަގަ ކުރެއްވިއެވެ.

ތަރައްގީ ވަމުންއަންނަ އިގްތިސާދުތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ބޮޑު ދަރަނިތަކެއް ތަހައްމަލްކުރަމުންދާ ގައުމުތަކެއް ކަން ފާހަގަ ކުރައްވަމުން މުނައްވަރު ވިދާޅުވީ، އެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކާއި ގައުމުތަކުގެ ހާލަތަށް މިހާރަށް ވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލޭޓަރަލް ބޭންކްތަކުން އަޅަންޖެހޭ ކަމަށެވެ. ހަމައެއާއެކު ކްލައިމެޓް އެޑަޕްޓޭޝަނަށް އިންވެސްޓްކުރާ ގައުމުތަކުގެ ދަރަނި ލުއިކޮށްދެވޭނެ ގޮތެއް ރާވަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ވޯލްޑްބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ރިޔާސަތު މިއަހަރު ބަލަހައްޓަނީ "ޗެއާ އޮފް ދަ ބޯޑް އޮފް ގަވާނާސް އޮފް ދަ ވޯލްޑް ބޭންކް އައިއެމްއެފް ހައިސިއްޔަތުން" ދިވެހިރާއްޖެ އިންނެވެ. މިއީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ 80 އަހަރުގެ ތާރީހުގައި އެ ދެ އިދާރާގެ ޗެއާގެ ހައިސިއްޔަތުން ރާއްޖޭގެ ފަރާތުން ބޭފުޅަކު ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.