ލަންޑަނުގައި ދިރިއުޅޭ ސްރީލަންކާގެ ހޮޓާ ހިންގާ ޖީން-މާކް ފްލެމްބާޓް ހަނދާންކޮށްދިން ގޮތުގައި، އޭނާގެ ހޮޓަލަށް މަސްވެރިއަކު ތާޒާ މަސް ހިފައިގެން އައި ދުވަހެކެވެ. ނަމަވެސް އެ މަސް ކާނެ ފަތުރުވެރިއަކު އެތާކު ނެތެވެ. އަލްޖަޒީރާއަށް މައުލޫމާތު ދެމުން އޭނާ ބުނި ގޮތުގައި، ފަތުރުވެރިން ނެތުމުން އެ މަސްވެރިޔާއަށް ޖެހުނީ ވަޅުގަނޑެއް ކޮނެފައި އެ މަސްތައް އެއްލާލާށެވެ. މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ އަސަރުގެ ކުޑަ މިސާލެކެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ވައިގެ ދަތުރުފަތުރުކުރާ ކުންފުނިތަކަށް ވަނީ މެދުއިރުމަތީގެ ބޮޑު ސަރަހައްދެއްގެ ވައިގެ މަގު ބޭނުންކުރުން ހުއްޓާލަން މަޖުބޫރުވެފައެވެ. މީގެ ނަތީޖާއަކީ ވިޔަފާރި ދަތުރުތައް ދިގުވެ، ހަރަދު ބޮޑުވުމެވެ. އަދި ޗުއްޓީ ހޭދަކުރަން ދާ އާއިލާތަކުގެ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް އައުމެވެ.
ލަންޑަނުން ފުރައިގެން ފިރިމީހާއާއި ތިން އަންހެން ދަރިންނާއެކު ބާލީއަށް އަދި އެއަށްފަހު ޕާކިސްތާނަށް ދަތުރުކުރި ނާދިޔާ ވަލީދު ބުނި ގޮތުގައި، އީރާނުގެ ހާލަތާ ގުޅިގެން އެމިރޭޓްސް އެއާލައިނުން ވަނީ ފަހު ވަގުތު އެމީހުންގެ ފްލައިޓް ޝެޑިއުލަށް އެތައް ބަދަލެއް ގެނެސްފައެވެ. ފުރަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ދުބާއީގައި މަޑުކުރަން އޮތް ތިން ގަޑިއިރުގެ ވަގުތު 18 ގަޑިއިރަށް ބަދަލުވި ކަމަށް އޭނާ ބުންޏެވެ. އަދި އާއިލާގެ އެހެން މެންބަރެއްގެ ފްލައިޓް އެއް މަސްދުވަހަށް ފަސްކުރި ކަމަށްވެސް ނާދިޔާ ފާހަގަކުރިއެވެ.
އިނގިރޭސިވިލާތުގެ ޓްރެވަލް އޭޖެންސީއެއް ކަމަށްވާ ޓްރެއިލްފައިންޑާސްގެ ނިކީ ޑޭވީސް ބުނި ގޮތުގައި، މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން އެތައް ހާސް ބުކިންއެއް ކެންސަލްކޮށް ނުވަތަ ބަދަލުކުރަން ޖެހުނެވެ. ހާއްސަކޮށް އޮސްޓްރޭލިއާއާއި އޭޝިއާއަށް ދަތުރުކުރާ މީހުން ޓްރާންސިޓްކުރާ ދުބާއީ، ގަތަރު އަދި އަބޫދާބީގެ ދަތުރުތަކަށް ބޮޑު އަސަރެއް ކުރިއެވެ. އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން އެ ސަރަހައްދަށް ދަތުރުނުކުރުމަށް ލަފާދިނުމާއެކު، ގިނަ ބަޔަކު ވަނީ ދަތުރުތައް ފަސްކޮށްފައެވެ. ނަމަވެސް މިހާރު ގިނަ މީހުން ހިޔާރުކުރަނީ ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރުމަށެވެ. ޔޫރަޕުގެ އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު ކަމަށްވާ ޓީޔޫއައިގެ ތަރުޖަމާނު އާގޭ ޑުންހޯޕްޓް ފާހަގަކުރި ގޮތުގައި، މިހާރު ގިނަ މީހުން ބޭނުންވަނީ ރައްކާތެރި ޕެކޭޖް ހޮލިޑޭތަކެވެ.
ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީއޭއެސްއޭ) އިން ވަނީ އުރުދުންގެ ވައިގެ ސަރަހައްދު ބޭނުންނުކުރުމަށް އަންގާފައެވެ. އަދި ބަހްރެއިން، ކުވައިތު، ގަތަރު، ޔޫއޭއީ އަދި އޮމާންގެ ވައިގެ ސަރަހައްދަށް ދީފައިވާ އިންޒާރު އޮގަސްޓް 31 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. ބްރިޓިޝް އެއާވޭސްއާއި ވާޖިން އެޓްލާންޓިކް ފަދަ ކުންފުނިތަކުން ވަނީ މެދުއިރުމަތީގެ ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.
އަމިއްލަ ޓްރެވަލް އޭޖެންޓެއް ކަމަށްވާ އަސްރާ ސައްތީ ބުނި ގޮތުގައި، ދަތުރުވެރިންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑެވެ. އިސްތަންބޫލް މަގުން ވިއެޓްނާމަށް ދަތުރުކުރަން އުޅުނު އާއިލާއަކުން ވަނީ، ފްލައިޓް ކެންސަލްވެއްޖެނަމަ ފައިސާ އަނބުރާ ލިބޭނެކަމުގެ ލިޔުމެއް ބޭނުންވެފައެވެ. އަދި ޖެޓް ފިއުލްގެ އަގު ބޮޑުވެދާނެ ކަމުގެ އަޑުތަކާ ގުޅިގެންވެސް މީހުން ކަންބޮޑުވުން ފާޅުކުރި ކަމަށް އޭނާ ބުންޏެވެ.
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ޕައިލެޓް މުއިއްޒު ހާމިދު ބުނި ގޮތުގައި، ރޫޓު ބަދަލުކޮށްގެން ކުރާ ދަތުރުތަކަށް އިތުރު އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރު ނަގައެވެ. އަދި 2،500 ކިލޯއިން ފެށިގެން 7،000 ކިލޯއާ ދެމެދުގެ އަދަދަކަށް އިތުރަށް ތެޔޮ އަންދަން ޖެހެއެވެ. މީގެ އިތުރުން ޖީޕީއެސް ޖޭމްވުމާއި، ޕައިލެޓުންނާއި ކޮންޓްރޯލަރުންގެ މަސައްކަތް ބުރަވުން ފަދަ ކަންކަން އޭނާ ފާހަގަކުރިއެވެ. 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އަޒަރުބައިޖާން އެއާލައިންސްގެ ފްލައިޓެއް ވެއްޓުނީވެސް އަސްކަރީ ޖޭމިންގެ ސަބަބުން ދިމާވި ނެވިގޭޝަން މައްސަލަތަކަކާ ހުރެ ކަމަށް މުއިއްޒު ބުންޏެވެ.
މި ހުރިހާ ކަމެއްގެ އަސަރު އެންމެ ބޮޑަށް ކުރަނީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކަށެވެ. ފްލެމްބާޓް ފާހަގަކުރި ގޮތުގައި، ޔޫރަޕުން ސްރީލަންކާއަށް ހަފުތާއަކު ކުރާ 87 ދަތުރުގެ ތެރެއިން 77 ދަތުރަކީ މެދުއިރުމަތި ހުރަސްކޮށް ކުރާ ދަތުރުތަކެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ދަތުރަކަށް ވަނީ ބުރޫއަރާފައެވެ. ފަތުރުވެރިންގެ ބުކިންތައް 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަދަދަކަށް ވަނީ ދަށްވެފައެވެ. ކުޑަކުދިން ތިބޭ އާއިލާތަކުން ދަތުރުތައް ކެންސަލްކުރާއިރު، ޒުވާން ޖޯޑުތަކުން ދަނީ ރިސްކު ނަގައިގެންވެސް ދަތުރުކުރަމުންނެވެ. ފްލެމްބާޓް އަމިއްލައަށްވެސް ވަނީ އެމިރޭޓްސް މެދުވެރިކޮށް ޓެންޒޭނިއާއަށް ދަތުރެއް ރާވާފައެވެ. އޭނާ ބުނާ ގޮތުގައި ފަތުރުވެރިއަކަށް 500 ޑޮލަރު ގެއްލުމަކީ ދެރަ ކަމަކަށް ވިޔަސް، އޭގެ ހަގީގީ އަގު އަދާކުރަން ޖެހެނީ ފަތުރުވެރިކަމަށް ބަރޯސާވާ ނިކަމެތި ގައުމުތަކުންނެވެ.
