ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން ފުރިހަމަ އިގްތިސާދީ އިސްލާހުތަކެއް އަވަސް ގޮތެއްގައި ތަންފީޒު ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން، އަހަރަކު ދެ ފަހަރު ނެރޭ ގައުމުތަކުގެ އިގްތިސާދީ އަޕްޑޭޓްގައި ބުނެފިއެވެ.

ރާއްޖޭގެ އެންމެ ފަހުގެ ޑިވެލޮޕްމަންޓް އަޕްޑޭޓް 'ސީކިންގް ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓައިމްސް' ގައި ފާހަގަ ކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓާގައި އިގްތިސާދަށް، އަހަރުން އަހަރަށް 7.7 އަދި 4.5 ޕަސެންޓް ކުރިއެރުމެއް ލިބިފައި ވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަން 8.5 ޕަސެންޓް އިތުރުވެފައި ވެއެވެ.

ރާއްޖޭގެ ޖުމްލަ އިންފްލޭޝަން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި 0.5 ޕަސެންޓުގައި ދަށްވި ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު، މި މުއްދަތުގައި ކާބޯތަކެތީގެ އަގު ވަނީ 6.7 ޕަސެންޓް މައްޗަށް ގޮސްފައެވެ. ހާއްސަކޮށް ޕަބްލިކް ސެކްޓާގެ އިންވެސްޓްމަންޓްތަކާއި ސަބްސިޑީތަކަށް އާންމު ދަރަނި އިތުރުވުމާއި މާލީ ހަރަދު ބޮޑުވުމަކީ އަދިވެސް ކަންބޮޑުވާ ކަމެއްކަމުގައި ވޯލްޑް ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ. މާލީ ޑެފިސިޓް 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދަށްވި ނަމަވެސް، ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ހެލްތްކެއާ އާއި ކޮންސްޓްރަކްޝަން ފަދަ ބޮޑެތި ދާއިރާތަކަށް އަސަރު ކުރަމުންދާއިރު، އެކަން މާލީ ތަފާސް ހިސާބުތަކުން ނުފެންނަ ކަމަށް މި ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ފޮރިން އެކްސްޗޭންޖް ރިޒާވް ދަށްވެ، އެންމެ 1.5 މަސް ދުވަހުގެ ހަރަދުތައް ކަވަރު ކުރަވޭ ވަރަށް ހުރިއިރު، ރިޒާވް ވަނީ 2023 ވަނަ އަހަރު ނިމުނުއިރު 590.5 މިލިއަން ޑޮލަރުން 2024 ވަނަ އަހަރުގެ އޮގަސްޓް މަހަށް 443.9 މިލިއަން ޑޮލަރަށް ދަށްވެފައިވެއެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާންމު ދަރަނި ޖީޑީޕީގެ ނިސްބަތުން 116.5 ޕަސެންޓަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އާންމު ދަރަނި ޖީޑީޕީ ނިސްބަތުން ހުރީ 110.4 ޕަސެންޓުގައެވެ.

ވޯލްޑް ބޭންކުން ބުނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރި ނަމަވެސް މިހާރު ބާކީ އޮތް 65 މިލިއަން ޑޮލަރަކީ އިތުރުވަމުން އަންނަ ފައިނޭންސިން ބޭނުންތައް ފުއްދުމަށް ފުދޭވަރުގެ ޑޮލަރެއް ނޫނށްކަމަށެވެ. އަދި ލޯނުތަކާ، ވިޔަފާރީގެ ދައްކަންޖެހޭ ފައިސާއާއި، ސަބްސިޑީއާއި، ދައުލަތުގެ ވިޔަފާރިތަކުގައި (އެސްއޯއީ) އިންވެސްޓްކުރާ އިންވެސްޓްމަންޓްތަކުގެ މާލީ ނުރައްކާތައް އަދިވެސް ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ.

ވޯލްޑް ބޭންކުން ބުނީ މާލީ އަދި ބޭރުގެ އިންބެލެންސްތައް ހައްލުކުރުމަށާއި، އިންވެސްޓަރުންގެ އިތުބާރު އުފެއްދުމަށާއި، ކުޑަ މުއްދަތުގައި ދަރަނި ކުޑަކުރުމަށް ފުރިހަމަ އިގްތިސާދީ އިސްލާހުތަކެއް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ސަރުކާރުން ފިސްކަލް ރިފޯމް ޕްލޭނެއް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުށަހެޅި ނަމަވެސް، އެ ޕްލޭން ތަންފީޒުކުރުމުގައި ލިބިފައިވަނީ ވަރަށް ކުޑަ ކުރިއެރުންތަކެއް ކަން ވަނީ ފާހަގަކޮށްފައެވެ. މީޑިއަމް ޓާމް ރެވިއު ސްޓްރެޓެޖީ އެންޑޯސް ކުރުމަކީ ހެޔޮ ފިޔަވަޅެއް ކަމުގައި ވިޔަސް، ހަރަދުތައް މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. މީގެ ތެރޭގައި އާންމު އިންވެސްޓްމަންޓްތައް މަދުކުރުމާ، ސަބްސިޑީތައް މަރުހަލާތަކަކަށް ބަހާލައިގެން އުވާލުމާ، ސިއްހީ ހރަދުތައް ރަނގަޅުކުރުމާ، އިގްތިސާދުގައި ދައުލަތުގެ ފިޔަވަޅު ކުޑަކުރުމަށް އެސްއޯއީތައް އިސްލާހުކުރުން ހިމެނެ އެވެ.