މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން މަހުގެ އާ ބާވަތްތައް ނެރުމަށް ވޯލްޑް ބޭންކުގެ އެހީގައި ލޯނު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ:
- މަހުގެ އާ ބާވަތްތައް ނެރުމަށާއި އުކާލާ ބައިތަކުން ފައިދާކުރުވަނިވި ބާވަތްތައް ނެރުމަށް 8.3 މިލިއަން ޑޮލަރު (128 މިލިއަން ރުފިޔާ) ގެ އެހީ ހަމަޖެހިފައިވާ ކަމަށް
- މަހުގެ އުފެއްދުންތައް އުފައްދާ އެސްއެމްއީ ވިޔަފާރިތަކަށް ހާއްސަކޮށް މަހުގެ އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރުމަށް ބާރު އެޅުމުގެ ގޮތުން 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށް
ވޯލްޑް ބޭންކުން ދޭ މި އެހީގެ ދަށުން ހުށަހަޅާ މަޝްރޫއުތަކުގެ ޖުމްލަ އަގުގެ 40 ޕަސެންޓަކީ ހިލޭ އެހީ ކަމަށާއި، މި އެހީގެ ދަށުން ފަންޑިން ހޯދުމަށް ވިޔަފާރިތަކަށް ކުރިމަތިލެވޭނެ އުސޫލުތައް ކަނޑައަޅައި ކުރިމަތިލާން ހުޅުވާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓްރީގެ ރިވޯލްވިން ފަންޑުން 18 މިލިއަން ރުފިޔާގެ ލޯނު މަސް ކައްކާ ހިއްކާ ފަރާތްތަކަށް ދޫކުރުމަށް އިސްލާމިކް ބޭންކާ އެކު ވަނީ މަސައްކަތް ފަށާފައިވާ ކަމަށާއި، ފަރުމަހުގެ މަސްވެރިކަން ކުރާ މީހުންގެ ވިޔަފާރި ފުޅާކުރުމަށްޓަކައި 10 އަހަރުން ދައްކާ ގޮތަށް ހަތް ލައްކަ ރުފިޔާ އާ ހަމައަށް އެއްވެސް ރަހުނެއް ނެތި ފަސް ޕަސެންޓު އިންޓްރެސްޓުގައި ލޯނު ދޫކުރާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ރަށްރަށުގައި މަސް ހިއްކުރުމުގެ މަސައްކަތްކުރާ ފަރާތްތަށް ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ޝިޔާމް ދެއްވިއެވެ.