ދައުލަތުން މިއަހަރު ދައްކަން ޖެހޭ ދަރަނި 1 ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށާއި އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި 1.1 ބިލިއަން ޑޮލަރު (16.96 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކޮށްފިއެވެ.

ވޯލްޑް ބޭންކުން މިދިޔަ މަހުގެ ފަހުކޮޅު އާންމުކޮށްފައިވާ ރާއްޖޭގެ އިގްތިސޯދު ހާޮލަތު ދައްކުވައިދޭ ރިޕޯޓުގައި ބުނާ ގޮތުގައި މިއަހަރު ދަރަނީގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ ފައިާގެ ތެރޭގައި ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދެއްކުން ހިމެނޭ ކަމަށާއި އެއާއެކު އެ އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އަދި 2026 ވަނަ އަހަރު މިއަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކާއި ޕްރައިވެޓް ބޮންޑްގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ އަނބުރާ ދެއްކުން ހިމެނޭ ކަމަށް އެ ބޭންކުން ބުނެއެވެ.

ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ނެގީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ގައެވެ. ކަރެންސީ ސްވޮޕް ފެސިލިޓީގެ މުއްދަތަކީ ހަ މަސް ކަމުގައި ވީ ނަމަވެސް އެ ފެސިލިޓީ ރޯލްއޯވާ ކުރުމަށް ވަނީ އެއްބަސްވެފައެވެ. އެހެންކަމުން މި އަހަރު މެދުތެރޭ އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެއެވެ.

ސަރުކާރުން ވަނީ އިގްތިސޯދު ކޮޅަށް ޖެހުމަށް ހަރަދު ކުޑަކުރުމަށް ސިޔށަތުތަކެއް ކނޑައަޅައި އެ ސިޔާސަތުތައް މިިދޔަ އަހަރުތެރޭ ތަންފީޒު ކުރަން ފަށާފައެވެ. ނަމަވެސް އެ ސިޔާސަތުގެ ދަށުން ކުރަން ނިންމާފައިވާ ބައެއް ކަންކަން ނުކުރަން މިހާރު ވަނީ ނިންމާފައެވެ. އޭގެތެރޭގައި ސަރުކާރުން ދޭ ސަބްސިޑީތައް ކަނޑާލުމާއި އެންސްޕއިން ދޭ އެހީ އަށް ގެންނަން ނިންމާފައިވާ ބަދަލުތައް ނުގެންނަން ވަނީ ނިންމާފައެެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި، ރާއްޖޭގެ ފިސްކަލް ހާލަތު އެހާ ގޯސްކޮށް އޮތް އިރު، ހަރަދު ކުޑަ ކުރުމަށް ރިފޯމު ފިޔަވަޅުތައް ނާޅައިފި ނަމަ ބޭރުގެ ފައިނޭންސިން އެހީ ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް ނާޅައިފި ނަމަ މިއަހަރުގެ ބަޖެޓުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބަޖެޓް ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.