ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއުމުކޮށް ރަހީނުން މިނިވަން ކުރުމުގެ ނަމުގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން މެދުއިރުމައްޗަށް ކުރައްވާ ދަތުރާ ދިމާކޮށް، އިޒްރޭލުން އޭނާ އަށް މަރުހަބާ އެ ކިޔަނި ގަތުލުއާންމު ފުޅާކުރަމުން ކަމަށް ފަލަސްތީނުން ބުނެފިއެވެ.

މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައި ބްލިންކަން ސައުދީއަށް ފަހު މިސްރަށް މިއަދު ވަޑައިގަންނަވާ އިރު އިޒްރޭލުން ގެންދަނީ އެއްގަމު މަގުން ރަފާ އަށް އަރާ އެތައް ބަޔެއްގެ ފުރާނަ ދުއްވާލުމުގެ ޖަރީމާއަށް ތައްޔާރު ވަމުންނެވެ.

ގާޒާގެ އުތުރުން ފޭބި 1.9 މިލިއަން މީހުން ތާށިވެފައި ނުވަތަ ހިޔާވަހިކަން ހޯދައިގެން ތިބި ރަފާ ވަށައިގެން ބޮން އަޅާ މުޅި ސަރަހައްދު ނާމާން ކޮށްލާފައި ވާ އިރު، މިހާރު މިސްރާބު ޖަހާފައި ވަނީ ބަރުހަތިޔާރާއެކު އެއްގަމު މަރުން އަރައިގަތުމަށެވެ.

މި މައްސަލައަށް އަލިއަޅުވާލައި ފަލަސްތީން އޮތޯރިޓީން ބުނީ، މީހުން މެރުމާއި، ކާބޯތަކެއްޗާއި ބޯފެނާއި ބޭހުން މަހުރޫމް ކޮށް ދުނިޔެއަށް ގޮން ޖަހާ އިޒްރޭލުން އެދަނީ ބަލިންކެން އަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން ކަމަށެވެ.

އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކޮށް، ރަފާގެ ވަށައިގެން ހުރި ރެފިއުޖީ ކޭމްޕްތައް ތަޅާ ސުންނާފަތި ކުރަމުން ދާއިރު، ހާން ޔޫނިސްގައި ހުންނަ އަލް އަމާލް ހޮސްޕިޓަލުން އޮކްސިނަޖާއި ޔެތޮ ހުސްވެ މިއަދު ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއީ 8000 އަށް ވުރެ ގިނަ މީހުން ތިބި ތަނެކެވެ. އާންމުންގެ ގެދޮރާއި ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓްތަކަށް ވެސް ބޮން އަޅަމުން ދާއިރު އިޒްރޭލުން އިންޒާރު ދީފައި ވަނީ، ދިރޭ ކޮންމެ އެއްޗަކަށް ބަޑިޖަހާ މަރާލާނެ ކަމަށެވެ. އެހެން ކަމުން ބައްޔަސް ގަދަޔަސް އަދި ހާލެއް ނެތަސް އެއްތަނުން އަނެއް ތަނަށް ހިނގާ ބިނގާވެ އުޅުމުގައި އާންމުންގެ މެދުގައި ވަނީ އިހުނަށް ވުރެ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.

ގާޒާގެ ކުދި ބޮޑު އެންމެން ރޮއެ ހޭރެމުން، ސަލާމަތަށް އެދި ގޮވަމުން ދާ އިރު އެމީހުނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އދ ގެ އިދާރާއިން ބުނީ، ތުއްތު ކުދިންނަށް ގާތުން ދޭ މައިންގެ ފުރާނައަށް ނުރައްކާ ވުމުގެ އިތުރުން އެ ކުދިންނަށް ބޭނުންވާ އިންފަންޓް ފޯމިއުލާ ވެސް ހުސްވެ، ހައިހޫނު ކަމުގައި ޖީލެއް ނެތިދާ މަންޒަރު ދުނިޔޭގެ ލޯމަތީގައި އެދަނީ ފެންނަމުން ކަމަށެވެ.

ބަލިމަޑުކަން ފެތުރި 700،000 އަށް ވުރެ ގިނަ މީހުން ފަރުވާއަށް ބޭނުން ވެފައި ވާ އިރު، ބޭހެއް ވެސް، ހަސްފަތާލެއްވެސް ނެތެވެ. ޑޮކްޓަރުންނާއި ނަރުހުން ރެއާއި ދުވާލު މަސައްކަތް ކުރަމުން ދަނީ ލިބެން ހުރި އެއްޗަކުން ވިއްޔާ ފަރުވާއެއް ދެވޭތޯއެވެ. ހަމަލާތަކުގައި މިހާތަނަށް 27،000 މީހުން ޝަހީދު ވެފައި ވާ އިރު ޒަހަމްވި މީހުންގެ އަދަދުތައް ވަނީ 65،000 އިން މައްޗަށް އަރާފައެވެ.

އިޒްރޭލުގެ ލާއިންސާނީ އަނިޔާ، މީގެ ކުދިން ނާޒީން ޔަހޫދީންނަށް ދިން އަނިޔާގެ 6 ގުނަ އިތުރު ވެފައި ވާ އިރު، އިޒްރޭލު ސިފައިން ގެންދަނީ ޒަހަމްވެފައި ތިބެ ފަލަސްތީނުގެ މީހުން ބަރަހަނާކޮށް އެމީހުންގެ ޒަހަމުގެ މައްޗަށް އެންކަލް ބޫޓާއެކު ކޮޅަށް އަރާ ފޮޓޯ ނަގާ ޓިކްޓޮކް ކުޅެ މަޖާކުރަމުންނެވެ.

މި މައްސަލަ ފެންމަތިވެ، އެމެރިކާގެ ސްޓޭތް ޑިޕާޓުމަންޓުގެ ތަރުޖަމާން ވެދާންތް ޕަޓޭލް ބުނީ، އެއީ ހުތުރުކަން ބޮޑު މަންޒަރުތަކެއް ކަމަަށާއި "ވަރަށް ކަންބޮޑުވާ" މައްސަލައެއް ކަމަށެވެ. އެގޮތުން އާންމު ވި އެއް ވީޑިއޯއެއްގައި ފެންނަނީ، ގާޒާގެ ރެމާލް ނޭބާހުޑްގެ ސްކޫލެއްގެ ގޮނޑިއެއްގައި ދެއަތް ފުރަގަހަށް ލައި ބަނދެފައި އިން ފިރިހެނެއްގެ އެއްފައިގެ ފަލަމަސްގަނޑުގަށް ހަމަލާއެއް އަމާޒުވެ ޒަހަމްވެފައި ވާ އިރު އޭނާގެ އަނެއް ފައިގެ ބޮޑުވައި އިނގިއްޔަށް މޮހޮރެއް ޖަހާފައި ވާ މަންޒަރެވެ. އަދި ހީހީ ހުރި އިޒްރޭލުގެ ސިފައިންގެ މީހާ އޭނާގެ ޒަހަމްގެ މައްޗައް ބޫޓުން އަރާ އޭނާ އަށް އަނިޔާކުރަމުން ގެންދެއެވެ.