ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އާބަން ފާމިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފްތިތާހުކޮށްފިއެވެ.
މިއަދު ހަވީރު އާބަން ޕްލާޒާއާއި ދަނޑުވެރި ސްލޮޓުތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، ޕްލާޒާ ހުޅުއްވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.
މިކަމާ ގުޅިގެން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ޖަޕާންގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ ގުޅިގެން ހިންގާ ކޮމިއުނިޓީ އާބަން ފާމިން މަޝްރޫއަކީ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
އެޗްޑީސީ އިން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުން ކަމަށާއި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ޓްރެއިނިން ފޯރުކޮށްދިނުން ކަމަށެވެ. މީގެއިތުރުން މި މަޝްރޫއުގެ ޒަރީއާއިން ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުވެސް ފަހިވެގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އެއާއެކު އެޗްޑީސީ އިން ބުނީ މިއަދު އިފްތިތާހުކުރެވުނު މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓް ދޫކޮށްފައިވާކަމަށާއި، މި ސްލޮޓުތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލްވެސް ގާއިމުކުރެވިފައިވާ ކަމަށެވެ. މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށް ހިންގޭ ދެވަނަ މަޝްރޫގެ ދަށުން ވަނީ 84 ދަނޑުވެރިން ތަމްރީނުކޮށް ސެޓްފިކެޓް ހަވާލުކޮށްފައެވެ.
އެޗްޑީސީ އިން ބުނީ އާބަން ފާމިންގް މަޝްރޫއަކީ ހުޅުމާލޭގެ ނެއިބާހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށާއި، އެ ކުންފުނީގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުންތައް ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ފަހިކުރުން ކަމަށެވެ.