ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަންދެން މިއަދުން ފެށިގެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފިއެވެ.
އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ނުކޮށް އޮތުމަށް ފަހު، އަދި އިސްލާހުގެ މަސައްކަތް ދެ ފަހަރެެއްގެ މަތިން ދަންމާލުމަށް ފަހު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ އިސްލާހަށް ބައެއް ބަދަލު ގެނެސް އިއްޔެ ފާސްކުރަން ނިންމައިފައެވެ.
އެގޮތުން ކޮމިޓީން ގެނައި މައިގަނޑު ބަދަލަކީ އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަންދެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށެވެ.
ކޮމިޓީން ގެނައި ބަދަލާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބިލު ފާސްކޮށްފައެވެ.
މި ބިލު ފާސްކުރުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގުކުރައްވައިފައެވެ. އެހެންކަމުން މިއަދުން ފެށިގެން އިޒްރޭލު ޕާސްޕޯޓުގައި އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އަށް އެތެރެ ނުވެވޭނެއެވެ.