މިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވައިލުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިއަދު އެވެ.

އަކްރަމްގެ އިތުރުން ދެން ހިމެނެނީ ހައުސިން މިނިސްޓްރީގެ ކުރީގެ ދެ ސިނީއާ އެގްޒެކެޓިވް މުހައްމަދު އާރިފް އާއި ލިރުގާމް ވަހީދު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމް އެވެ. މި ހަތަރު މީހުންނަށްވެސް ކުރަނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އޭސީީސީން ޕީޖީ އޮފީހަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަތައް ފޮނުވީ އެއްވެސް ހެއްކެއް ނުދައްކައި ސިޔާސީ މަގުސަދެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.

"ސިޔާސީ ނުފޫޒުގައި ފިތި ބާރުވެފައި ތިބި އޭސީސީން އަމަލު ކުރަމުން ދަނީ ސީދާ ރައީސް މުއިއްޒުގެ އޯޑަރަށް. މި މައްސަލާގައި އޭސީސީން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ކަނޑައެޅިގެން ހިލާފަށް. އެމްޑީޕީއިން ދެކެނީ މި ތަހުގީގަކީ ފެށުނީއްސުރެ ވަކި އަތަކަށް ޖެހިފައިވާ ސިޔާސީ ތަހުގީގެއްގެ ގޮތުގައި،" އެމްޑީޕީ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ފާހަގަ ކުރި ގޮތުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ދޮގު ތުހުމަތުތަކެއްކޮށް ދައުވާ އުފުލަން ނިންމާފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ފްލެޓު ދިނުމަށް ނިންމާފައިވަނީ ހަމަ މިދިޔަ ސަރުކާރުން ގެޒެޓުގައި ޝާއިއުކުރި ލިސްޓަށް ކަމަށެވެ.

އަދި ހަމަ އެހެންމެ މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލު ކުރުމުން އަލުން އާ އަމުރެއް ބޭނުންކޮށްގެން އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސަރުކާރަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލައި އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށް ވެސް އެ ޕާޓީން ބުނެފައި ވެއެވެ.

އަދި އެގޮތަށް ދައުވާ ކުރަމުންދަނީ ފްލެޓުތައް ހަވާލު ކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

"ދައުވާތަކަކީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފްލެޓުތައް ބޭނުން ކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާތަކެއް"
އެމްޑީޕީ

މީގެ އިތުރުން ވެސް އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ޒިންމާ މަތިކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ވަކިކޮށްފައިވުމަކީ މިކަމުގައި އިންސާފުވެރި ޝަރީއަތެއް އެއްވެސް ފަރާތަކަށް ނުލިބޭނެކަން އަންގުވައިދޭ ކަމެއްކަން ފާހަގަކޮށް އެމްޑީޕީން ބުނީ، ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ބާރުގައި އުމުރު ދުވަހު ހުންނެވޭނެ ކަމަށް ރައީސް މުއިއްޒު އުންމީދު ކުރެއްވި ނަމަވެސް، އިންސާފުގެ މަގުން ފެއަށް ޖެހި ފަސާދައިގެ މަގުން ހިނގަމުން މިދާ ސަރުކާރާ ދެކޮޅަށް ދިވެހި ރައްޔިތުން ކާމިޔާބު ހޯދާނެ ކަމަށެވެ.