އިޒްރޭލުން ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިޕްލޮމެޓިކް ވަފުދަކަށް ބަޑިޖަހާ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ދިން ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާއި ހިލާފު އަމަލެއް ކަމަށެވެ.

މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޒްރޭލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާއި މުޅިން ހިލާފުކަމެއްކަމަށާއި، ޑިޕްލޮމެޓިކް މިޝަންސްތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުންވެސް ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތައް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އެއާއެކު ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށާއި، ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލާއި ހަމާސް އާ ދެމެދު ވަގުތީ ސުލްހަ ގާއިމު ކޮށް ވެފައި ވާ އެއްބަސްވުމާ އެއްގޮތަށް 2 ވަނަ މަރުހަލާގެ ވާހަކަތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ފަހު އިޒްރޭލުން ގާޒާއަށް މިދިޔަ މާޗު މަހު ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކާއެކު ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު 48،572 އަށް ވަނީ އަރާފައެވެ. މިއީ ހަމަލާތަކުގައި ގެއްލިފައި ވާ 14،000 މީހުން ނުހިމަނައެވެ. އިދާރާތަކުން ބުނާގޮތުގައި އެ 14،000 މީހުން ވެސް ވާނީ އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގަ އާއި އިޒްރޭލުން ޝަހީދުކޮށް އެކި ތަންތާނގައި ވަޅުލާފައެވެ. މިއާއެކު ޒަހަމްވި މީހުންގެ އަދަދު ވަނީ 112،032 އަށް އަރާފައެވެ.

އިންސާނިއްޔަތާއި ސުލްހަ އާއި އަދުލުއިންސާފަށް ދިވެހިރާއްޖެ އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި، އެކަން ކުރުމުގައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިއޮންނާނެ ކަމަށް ދިވެހި ސަރުކާރުން އަބަދުވެސް ދަނީ ބުނަމުންނެވެ.