އީރާނުގެ މަދަދު ލިބޭ ހޫތީންގެ ވަރުގަދަ މިސައިލެއް އިޒްރޭލުގެ އެންމެ ބިޒީ އެއާޕޯޓާ ކައިރިއަށް ވައްޓާލުމުގެ ބަދަލު ހިފަން ހޫތީންނަށް ހަމަލާ ދޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފިއެވެ.

އިންޒާރު ދެމުން އޭނާ ބުނީ، ހޫތީންނަށް ހަމަލާ ދޭ އިރު އީރާނަށް ވެސް ރޯޅި އަންނާނެ ކަމަށެވެ. ނަމަވެސް އީރާނަށް ސީދާ ހަމަލާ ދޭނެ ކަމަކަށް ނުބުނެއެވެ. މުރާސިލުން ބުނާ ގޮތުން، ނަތަންޔާހޫ އެބުނަނީ ސަރަހައްދުގައި ހިމެނޭ އީރާނުގެ އެކި އެކި މަސްލަހަތުތަކުގެ ވާހަކައެވެ.

ހޫތީންގެ ހަމަލާގައި ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުފަތުރަށް ބުރޫ އަރާ އެތައް ހިރަކަށް ހިދުމަތްތައް މަޑުޖައްސާލަން ޖެހުނެވެ.

ހޫތީން ފޮނުވާލި މިސައިލް އިޒްރޭލަށް އެރީ އިޒްރޭލުގައި ގާއިމު ކޮށްފައި ވާ، މިސައިލުން ދިފާއުވާ ނިޒާމުތަކަށް ފެނިގެން ނަމަވެސް އެ މިސައިލް ހުއްޓުވުމުގައި އެ ނިޒާމުތައް ނާކާމިޔާބު ވުމުންނެވެ.

ހޫތީންގެ ހަމަލާ އިޒްރޭލަށް އަމާޒުވެފައި

މިކަމަށް އިޒްރޭލު ސިފައިން ވަނީ އިއުތިރާފުވެ މިސައިލުން ދިފާއުވާ ނިޒާމުތަކަށް ހޫތީންގެ މިސައިލް ނުހުއްޓުވުނު ކަމަށް ބުނެފައެވެ.

ހަމަލާގެ ސަބަބުން 8 މީހަކު ޒަހަމްވި މި ހާދިސާއަށް ފަހު، މިސައިލް ނުހުއްޓުވުނު ސަބަބު ދެނެގަތުމަށް އިޒްރޭލުން ވަނީ ތަހުގީގެއް ފަށާފައެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުން އެމެރިކާއިން ހަދިޔާ ކުރި އެންމެ އެޑަވާން ސިސްޓަމް "ތާޑް" އަދި އިޒްރޭލުން ގާއިމު ކޮށްފައި ވާ ދުރުރާސްތާ މިސައިލް ޑިފެންސް ސިސްޓަމަށް ވެސް ހޫތީންގެ މިސައިލް ގޮއްވައެއް ނުލެވުނެވެ.

އެއާއެކު ނަތަންޔާހޫ ބުނަނީ އެއީ އީރާނުގެ ކަމެއް ކަމަށެވެ. އަދި ބޭނުން ވާ އިރަކު ބޭނުންވާ ގޮތަކަށް އީރާނުގެ މަގާމުތަކަށް ހަމަލާ ދޭނެ ކަމަށް ވެސް އޭނާ ބުނެއެވެ.

މިއާއެކު ނަތަންޔާހޫ ގެންދަނީ، އެމެރިކާގެ އެހީއާއެކު ގުޅިފައިވާ ހަމަލާއެއް އީރާނަށް ދިނުމަށް ބާރު އަޅަމުންނެވެ. ނަމަވެސް މި ދަނޑިވަޅަކީ، އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން އެއްބަސްވުމެއް ގާއިމު ކުރުމަށް އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާތައް ކުރިއަށް ދާ ދަނޑިވަޅެކެވެ. މި މަޝްވަރާތަކުގައި އެ ދެފަރާތުން ބޭނުންވާ ކަންކަމަށް ނިޒާމީ ގޮތެއްގައި އެއްބަސް ވެވިފައި ވާ އިރު، ނަތަންޔާހޫ އެދޭ ފަދަ ހަމަލާއެއް ދޭން އެމެރިކާއިން މިވަގުތު ބޭނުން ނުވާނެ ކަމަށް މުރާސިލުން ބުނެއެވެ.