އިސްރާއީލަށް ފަންޑުކުރާ އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ގޮވާލައި ރ. އިނގުރައިދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.
އޮކްޓޫބަރު 7، 2023އިން ފެށިގެން މިއަދާހަމައަށް ފަލަސްތީނުގެ މުސްލިމުންނަށް ނަސްލު ނައްތާލުމަށް އަނިޔާވެރި ޒަޔަނިސްޓު ޔަހޫދީ އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އިނގުރައިދޫ ކައުންސިލްގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން އެ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ އެތައްހާސް މުސްލިމުންނެއް ޝަހީދުކޮށްފައިވުމާއި އެތައްހާސް މުސްލިމުންނެއް ރަހީނުކޮށް އަދި މުޅި ގާޒާ ސުންނާފަތިކޮށް ބިމާހަމަކޮށް ދިރިއުޅުމުގެ އެއްވެސް ވަސީލަތެއް ނެތި ކެއިން ބުއިމާއި އުނު އޮރިޔާން ނިވާކުރުމަށް ވެސް ނުކުޅެދުންތެރިކޮށް ބިކަހާލުގައި ޖައްސާފައިވާކަން ފާހަގަކޮށްފައެވެ.
އެ ގަރާރުގައި އިނގުރައިދޫ ކައުންސިލުން ވަނީ މި ހައްސާސް ދަނޑިވަޅުގައި ދިވެހިރާއްޖެ ފަލަސްތީނާއެކު ވާކަން މުޅި ދުނިޔެއަށް ހާމަކޮށްދެއްވާ އަދުގެ ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓް މަނާކޮށް އިސްރާއީލުގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށް ނާދެވޭ ގޮތަށް ނިންމެވި ނިންމެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކައުންސިލާއި އިނގުރައިދޫ ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކޮށްފައެވެ.
މީގެއިތުރުން އިސްރާއީލުގެ އުފެއްދުންތަކާއި އިސްރާއީލަށް ހަރަދުކުރާ ފަރާތްތަކުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި އިސްތިހާރުކުރުން ހުއްޓާލުމަށް ނުވަތަ އެފަދަ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަށް ނަފާ އިމްޕޯޓް ޑިއުޓީ ފީ ބޮޑުކުރުމަށް އިނގުރައިދޫ ކައުންސިލުން ވަނީ އެ ގަރާރުގައި ގޮވާލާފައެވެ.