ރާއްޖޭގެ ހައްޖުވެރިން މިރޭ މިނާއަށް ދިއުމަށް ދަތުރު ފަށާނެކަމަށާއި، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ދަތުރުވެރިން މިރޭ މިނާއަށް ދަތުރުފަށާނެ ކަމަށް ހައްޖު މިޝަން އިން މައުލޫމާތު ދީފައިވާކަމަށާއި، ދިވެހި ހައްޖުވެރިންނަށްޓަކައި ހައްޖު ކޯޕަރޭޝަނުން މިނާގައި ފުރިހަމަ އިންތިޒާމުތަކެއް ކޮށްފައިވާކަމަށެވެ. އަދި ހައްޖުވެރިންގެ ހާލަތު ގާތުން ބަލަމުންދާކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހައްޖަށް މި އަހަރު ރާއްޖެއިން ޖުމްލަ ހަތަރު ފްލައިޓު ފުރާފައިވާއިރު، ރާއްޖެއަށް ލިބިފައިވާ 1،000 ކޯޓާގެ ދަށުން މި އަހަރު ހައްޖަށް ދާ އެންމެން ވެސް މިހާރު ތިބީ މައްކާގައެވެ.

ދިވެހި ހައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފައެވެ. މި ހިދުމަތް ދިވެހިންނަށް ފަހިވެފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.

މީގެއިތުރުންވެސް ދިވެހި ހައްޖުވެރިންނަށް ވަނީ ގިނަ ލުއިފަސޭހަތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ދިވެހިން ހައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް ހިލޭ ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ހައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމުގައި ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުންވެސް ވަނީ ސައުދީ އަށް ވަޑައިގެންފައެވެ. ރައީސް ވަނީ ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރާތް ކުރައްވާ، ހައްޖުވެރިންނާވެސް ބައްދަލުކުރައްވާފައެވެ.