ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް، ހިފަހައްޓާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

އަކްރަމް ހިމެނޭހެން ހައުސިންގެ ކުރީގެ ބައެއް އިސްވެރިންގެ ޕާސްޕޯޓު ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެމީހުންގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރެއް ނެރެފައި ވަނީ ލިސްޓުގައި ނެތް ބަޔަކަށް 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ދޫކުރި މައްސަލައާ ގުޅިގެންނެވެ.

އެ އަމުރު ބާތިލުކޮށްދިނުމަށް އެދި އަކްރަމް ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ. ހައިކޯޓުގެ ރަޖިސްޓްރާ އެންމެ ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ރަޖިސްޓްރާގެ ނިންމުމުގައި ވަނީ އެއީ ދަށު ކޯޓުގައި ބަހުސްކޮށް މުރާޖައާ ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. ނަމަވެސް އަކްރަމްގެ ފަރާތުން ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށްދިނުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން، މައްސަލަ ބަލަން ނިންމި އެވެ.

މައްސަލަ ބެލުމަށްފަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވެސް އޭރު ބާތިލް ކުރިއެވެ.

އެ މައްސަލައާއި ގުޅިގެން އަކްރަމް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އޭނާ ޕީޖީގެ އަރިހުގައި އެދިވަޑައިގަތީ އަލުން ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށްދިނުމަށް ކޯޓަށް ހުށަހަޅައިދެއްވުމަަށެވެ. ނުވަތަ އެކަން ކުރުމަށް އޭސީސީގެ މައްޗަށް އަމުރުކޮށްދެއްވުމަަށެވެ.

އެ ސިޓީގެ ޖަވާބުގައި ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ ހައި ކޯޓުން ބާތިލްކޮށްފައިވަނީ ވަކި އަމުރެއް ކަމަށެވެ. އަދި މިހާރު ދެމިއޮތް އަމުރާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ އަމުރު މުރާޖައާ ކުރަން ހުށަހެޅުމުގެ ފުރުސަތާއި ބާތިލް ކުރަން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ޖަވާބާ މެދު ހިތް ހަމަނުޖެހުން ފާޅުކޮށް އަކްރަމް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްބާސްއަކީ އެއްވެސް ކަހަލަ އިންސާފުވެރިކަމެއް ނެތް އެއްވެސް މިނިވަންކަމެއް ނެތް ބޭފުޅެއް ކަމަށެވެ.

"އެ މަނިކުފާނަކީ [ރައީސް މުއިއްޒު]ގެ ޓައިޕްރައިޓާއެއް، ޕަޕެޓެއްކަން އަޅުގަޑުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން އަލުން ހިފެހެއްޓުމާ ގުޅިގެން އެ މަނިކުފާނަށް އަޅުގަނޑު ފޮނުވި ސިޓީއަށް ދެއްވި ޖަވާބުން ސާބިތުވެގެންދޭ،" އަކްރަމް ހިއްސާ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.

ގޯއްޗާއި ފްލެޓްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީން ފެށީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަމުރަކަށެވެ. އަދި އޭސީސީން މިއަދު ބުނެފައި ވަނީ އަކްރަމް ހިމެނޭހެން ހަތަރު މީހެއްގެ މައްޗަށް މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.