2022 ގެ ނިޔަލަށް ފިޝަރީޒް މިނިސްޓްރީއަށް އެކި ގޮތްގޮތުން ލިބެން ޖެހޭ 287 މިލިއަން އެބައޮތް ކަމަށާއި ނަމަވެސް އެ ފައިސާ ލިބިފައިވާ ނުވާކަން ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި އޮޑިޓް ރިޕޯޓުގައި ވާގޮތުން 2022 ގެ ނިޔަލަށް މިނިސްޓްރީގެ އެކިއެކި ޕްރޮގްރާމުގެ ދަށުން ލޯނުގޮތުގައި ދޫކޮށްފައިވާ ފައިސާއާއި މިނިސްޓްރީއަށް އެކިއެކި ގޮތްގޮތުން ލިބެން ޖެހޭ ފައިސާގެ ތެެރެއިން ޖުމުލަ 287،140،302 ރ. ލިބިފައެއް ނުވެއެވެ.
ތަފްސީލު ހާމަކުރަމުން ފިޝަރީޒް މިނިސްޓްރީން ބުނީ މިނިސްޓްރީއަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި 1 އަހަރާއި 5 އަހަރާއި ދެމެދު ޖުމުލަ 100،535،747ރ. އަދި 5 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ ޖުމުލަ 184،449،960ރ. ލިބިފާ ނުވާ ކަމަށެވެ. މިކަމާ ގުޅިގެން މިނިސްޓްރީން ވަނީ މި ފައިސާ އަނބުރާ ހޯދުމަށް މާލިއްޔަތު ގަވައިދުގައިވާ ގޮތަށް އަމަލުކޮށްފައިނުވާކަން ފާހަގަކޮށްފައެވެ.
އެގޮތުން 2019 އަދި 2021 ވަނަ އަހަރު ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ސިޓީ ފޮނުވި ނަމަވެސް 2022 ވަނަ އަހަރު އެއްވެސް ސިޓީއެއްވެސް ފޮނުވާފައި ނުވާކަމަށް ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އެއާއެކު ނުލިބި ހުރި ފައިސާގެ ތެރޭގައި ހިމެނޭ 5 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފައިސާގެ ޖުމުލަ އަކީ އެ މިނިސްޓްރީ އަށް ލިބެން ޖެހޭ ފައިސާގެ 82 އިންސައްތަ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ބީއެމްއެލް އާއި އެސްޑީއެފްސީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ އިދާރާތަކުން ބަލަހައްޓަމުންދާ ރިވޯލްވިން ފަންޑުން ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާ ހޯދުމަށްވެސް ހަރުދަނާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.