1814 ގައި އިނގިރޭސީން އިންޑިއާ ކަނޑުގެ ސަރަހައްދުތައް އިސްތިއުމާރު ކޮށްގެން އޮތް އިރު އަތްދަށުލީ ޗާގޯސް އިން ބޭލި ރައްޔިތުންނަށް އެނަތަށް އަނބުރާ ދެން ނުދެވޭނެ ކަމަށް ހާރިޖީ ވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވެއްޖެއެވެ.
1960 އާއި 1970 އާ ދެމެދުގައި އިނގިރޭސީން ވަނީ ޗާގޯސް އިން 2000 މީހަކު ގަދަކަމުން ބާލާ މޮރިޝަސް އާއި ޝީޝަލްސްގެ އިތުރުން އިނގިރޭސިވިލާތަށް ގެންގޮސްފައެވެ. އެމީހުންގެ ތެރެއިން އިނގިރޭސި ރައްވެހިކަން ބޭނުންވާ މީހުންނަށް ފުރުސަތުވެސް ދިނެވެ. އޭގެ ފަހުން އިނގިރޭސީން ޗާގޯސްގެ ފޯޅަފަހި އެމެރިކާއަށް ކުއްޔަށް ދީ މުޅި ޗާގޯސް އަތޮޅު އިނގިރޭސީން ބަލަހައްޓަމުން ދަނިކޮށް 1968 ގައި އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަން ވުމާއެކު އެގައުމުން ވަނީ ޗާގޯސް އަކީ އެމީހުންގެ ތަނެއް ކަމަށް ބުނެ ދައުވާ ފަށާފައެވެ.
2 ފަހަރެއްގެ މަތިން ބައިނަލްއަގުވާމީ ކޯޓުން، މޮރިޝަސްގެ ދައުވާ އަށް ތާއީދު ކޮށް އިންގިރޭސީންގެ އެއްވެސް ހައްގެއް ޗާގޯސް ގެ މައްޗަށް ނޯންނާނެ ކަމަށް ބުނި ނަމަވެސް އިނގިރޭސީން ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ.
އޭރުވެސް ޗާގޯސް އިން ބޭލި ރައްޔިތުން އެނބުރި ވަޒަނަށް ދިޔުމަށް ކުރަމުން ދިޔަ މަސައްކަތްތަކާއި އުފުލަމުން ދިޔަ އަޑު މަޑެއް ނުވެއެވެ.
އިނގިރޭސީ ކުރީގެ ބޮޑުވަޒީރު އަދި މިހާރު ހާރިޖީ ވަޒީރު ޑޭވިޑް ކެމެރޮން ގެ ކުރިން ހާރިޖީ ވަޒީރަކަށް ހުންނެވި ޖޭމްސް ކްލެވަލީ މަގާމުގައި ހުންނެވި އިރު ވަކާލާތު ކުރައްވަމުން ގެންދެވީ ޗާގޯސްގެ ރައްޔިތުންނަށް އެނބުރި ވަޒަނަށް ދެވެން ޖެހޭނެ ކަމަށެވެ. އަދި އެމަގަށް އިނގިރޭސީން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާ ކުރައްވަމުން ގެންދެވި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އުއްމީދުގައި ޗާގޯސްގެ ރައްޔިތުން ތިއްބާ، އެމީހުނަށް އަނބުރާ ޗާގޯސް އަށް ދެވެން ނެތް ކަމަށް ކެމެރޮން ވިދާޅުވުމުން ޗާގޯސް ކޮމިއުނިޓީގައި ވަނީ ޖަރުބާތުތައް އުތުރި އަރާފައެވެ. އެގޮތުން ޔޫކޭގައި އޮންނަ "ޗާގޯސް ރެފިއުޖީ ގްރޫޕް" އިން ބުނެފައި ވަނީ ކެމެރޮން އަކީ އިންސާނިއްޔަތަށް އިހުރިރާމެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އިނގިރޭސި ވިލާތުގެ ސިޔާސީ މީހުން ދެކެނީ ޗާގޯސް ގެ ރައްޔިތުންނަކީ އެތަނުގެ އަސްލު ވަޒަންވެރިން ނޫން ކަމަށެވެ. އެހެން ކަމުން އެ ރައްތަކުގެ މައްޗަށް އެ ރައްޔިތުންނަށް ހައްގެއް ނެތް ކަމަށް ދެކޭ ކަމަށް ވެސް ބުނެއެވެ.
ޗާގޯސްގެ ރައްތަކަކީ އިނގިރޭސީން އިއްތިރުމާރު ކުރި އިރު ފަޅު ރައްތަކެއް ނަމަވެސް އިނގިރޭސީން އެތާގައި ތިބި މުއްދަތުގެ ތެރޭގައި އެފްރިކާއާއި އެކި އެކި ސަރަހައްދުތަކުން އަޅު މަސައްކަތަށް ގެންދިޔަ މީހުން، މީހުނާ އިނދެ ވިހާ ދަރިން ލިބި ދަރިފަސްކޮޅެއް އުފެދިގެން ދިޔައެވެ.
ކެމެރޮން އަށް ފާޑުކިޔަމުން "ޗާގޯސިއަން ވޮއިސް" އިން ބުނެފައި ވަނީ އެ ރަށްތަކަށް އަނބުރާ ދިޔުމަކީ އެމީހުންގެ ފުރިހަމަ ހައްގެއް ކަމަށާއި ގަދަކަމުން އިނގިރޭސީން، އެމީހުން އެރައްތަކުން ބޭލި ގޮތަށް އަނގުބާ ގެންގޮސްދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
މި މައްސަލައިގައި އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާއިން ބުނެފައި ވަނީ، ކެމެރޮންގެ އެވާހަތަކަކީ އިންސާނިއްޔަތާ ހިލާފު ވާހަކަ ތަކެއް ކަމަށާއި ކެމެރޮންގެ ކުރިން ހުންނެވި ވަޒީރު ވާހަކަ ދެއްކެވި ފަދައިން ޗާގޮސްގެ ރައްޔިތުންނަށް އެރައްތަކަށް އަނބުރާ ދެވެން ވާނެ ކަމަށެވެ.
ޗާގޯސްގެ މައްސަލަ އަކީ ހަމައެކަނި އިނގިރޭސީންނާއި އެތާނގައި ދިރިއުޅުނު މީހުންނާއި މޮރިޝަސް އާ އެކަމި ގުޅޭ މައްސަލައެއް ނޫނެވެ. އެއީ ދިވެހިރާއްޖެއާވެސް ގުޅުން އޮތް މައްސަލައެކެވެ.
މޮރިޝަސް އިން ޗާގޯސް ހޯދުމަށް ބައިނަލއްގުވާމީ ކޯޓުތަކުގައި ކުރި މަސައްކަތުގެ އިތުރުން މޮރިޝަސް އާއި ރާއްޖެ ގުޅޭ ކަނޑު ބައިކުރަން ކުރި މަސައްކަތުގައި ވެސް މޮރިޝަސް އިން ކުރި ހޯދާފައި ވާ އިރު، ރާއްޖޭގެ މިހާރުގެ ސަރުކާރުން ގަބޫލު ކުރަނީ، އެ ކަނޑު ނިމިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މޮރިޝަސް އަށް "ވިއްކާލީ" ކަމަށެވެ. ދެގައުމަށް ހަމަހަމަ ވާނެހެން ކަނޑު ބެހި ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކުން ގަބޫލެއް ނުކުރެއެވެ. މިހާރު ކަނޑު ބަހާފައި އޮތީ ޗާގޯސް ިން ފެށިގެން 200 މޭލު ހަމަކުރާ ގޮތަށް ބަލައިގެން ހެދި ފޯމިއުލާގައެވެ. އެހެން ބެހުމުން ރާއްޖެއަށް ކުރިން ލިބިފައި އޮތް ނުވަތަ ރާއްޖޭގެ އިހުތިސޯސް އޮތް ސަރަހައްދު [200 ނޯޓިކަލް މޭލު] ގެ ތެރެއިން މިހާރު އޮތީ 135 ނޯޓިކަލް މޭލެވެ. ކުރިން އޮތް ސަރަހައްދުގެ ތެރެއިން 65 ނޯޓިކަލް މޭލު މިހާރު ރާއްޖެއަށް ވަނި ގެއްލިފައެވެ.
ކަނޑުގެ މައްސަލައިގައި އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.