އެމެރިކާގެ އަސްކަރީ ބޭސް ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަހި އެ އަތޮޅެއްގެ ތެރޭގައި އޮންނަ ޗާގޯސް އައިލޭންޑްސް ހިމެނޭ ކަނޑުގެ ސަރަހައްދު ރާއްޖެއިން ދޫކޮށްލުމާއެކު ޗާގޯސް މޮރިޝަސް އަށް ދޭން އިނގިރޭސީން ނިންމައިފިއެވެ.
އިނގިރޭސި ވިލާތާއި މޮރިޝަސް ގުޅިގެން އާންމުކުރި ޕްރެސް އެއްގައި ބުނެފައި ވަނީ, އެ ރަށްތަކުގެ ފޯޅަވަހީފައި އޮންނަ އެމެރިކާގެ ބޭސް އިތުރު 99 އަހަރަށް ދޭން އެއްބަސްވެ, ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލަން އިނގިރޭސިވިލާތުން އެއްބަސްވާ ކަމަށެވެ.
ޗާގޯސްގެ ރަށްތަކަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން ރާއްޖެ ހިމެނޭހެން ދެކުނު އިރުމަތީ އޭޝިއާ ހިފައިގެން އޮތް އިރު އަތްދަށުލީ ގޮތަށް އިނގިރޭސީންގެ ތަނެއްގެ ގޮތުގައި އޮންނަ އަތޮޅެކެވެ. އެތަނުން އެއް ރަށް ކަމަށް ވާ ފޯޅަވަހި އެމެރިކާގެ އަސްކަރީ ބޭހެއް ހަދަން ކުއްޔަށް ދީފައި އޮންނަ އިރު, އިނގިރޭސީންގެ ބާރުގެ ދަށުން އޭރު ޗާގޯސްގައި އުޅުނު ވަޒަންވެރިން އެތަނުން ބާލައި ފައްސާލިއެވެ. އެއްބަޔަކު އިނގިރޭސިވިލާތަށް އަނެއް ބަޔަކު މޮރިޝަސް އަށާއި ސީޝެލްސް އަށް އަދި ބައެއް މީހުން އެފްރިކާއަށް ގެންދިޔައެވެ.
ޗާގޯސް އަކީ ރާއްޖެއާ ކައިރީގައި އޮންނަ ތަނަކަށް ވުމާއެކު, ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑު ބައިކުރުމުގެ މައްސަލަ, ކަނޑުތަކާ ބެހޭ ކޯޓުގައި ދިގުލައި ގޮސް ނުނިމި އޮތީ މޮރިޝަސް އަށް އެސަރަހައްދު ދޫކޮށްލަން ރާއްޖެއިން އެއްބަސް ނުވެގެންނެވެ. ނަމަވެސް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 'ސިއްރު ސިޓީފުޅެއް' ފޮނުވައިގެން ކަނޑުގެ ސަރަހައްދު ދެފަރާތަށް އެއްވަރަކަށް ބަހާ ޗާގޯސް އައިލޭންޑްސް މޮރިޝަސް އަށް ދޫކޮށްލަން ދިވެހިސަރުކާރުން އެއްބަސްވިއެވެ. އޭރުވެސް އެ އަތޮޅުގެ ބަލަދުވެރި ފަރާތަކީ އިނގިރޭސީން ކަމުން އެ އަތޮޅު މޮރިޝަސް އާ ހަވާލުކުރަން އިނގިރޭސީންނަށް ވެސް އޮތީ އަމުރު ކޮށްފައެވެ.
މިއަދު އިނގިރޭސީން އެކަމަށް އެއްބަސްވި އިރު މިއަދުގެ ދިވެހި ސަރުކާރުން ގެންދިޔައީ ނިމިދިޔަ ސަރުކާރުގައި ކަނޑުގެ ސަރަހައްދު ދޫކޮށްލި ގޮތް ދިރާސާކޮށް ބައިނަލްއަގުވާމީ ކޯޓުގައި މުރާޖައާ ކުރަން އެ މައްސަލަ ވެއްދޭނެ މަގެއް އޮތްތޯ ބަލައި ދިރާސާ ކުރަމުންނެވެ. ނަމަވެސް އެ ދިރާސާ ކޮޅެއްގައި ނުޖެހި އުޅެނިކޮށް މިއަދުގެ އެ ނިންމުމާއެކު ދިވެހި ސަރުކާރުން އަޅަން ގަސްދުކުރާ ފިޔަވަޅު އެޅުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެގެން ގޮސްފައި ވާ ކަމަށް މުރާސިލުން ބުނެއެވެ.
މިއަދު އިނގިރޭސީން އެއްބަސްވި މި ނިންމުމާއެކު ޗާގޯސްގެ ރައްޔިތުންގެ ގޮތުގައި ވަޒަނުން ބޭރުވާން ޖެހުނު މީހުންނަށް އަނބުރާ ޗާގޯސް އަށް ދިޔުމުގެ ފުރުސަތުވެސް ލިބިގެން ދާނެ ކަމަށް ހަބަރުތައް ބުނެއެވެ.