ބީއެމްއެލް އިސްލާމިކްގެ އާ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2 ގައި މިއަދު ހުޅުވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ވިނަރެސް ޓަވަރު 8 ގައި ގާއިމްކުރި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އައިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލް ނެޓްވޯކް ފުޅާކޮށް ޒަމާނީ ހިދުމަތްތައް އެކުލެވޭ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވުމަކީ ލިބޭ އުފަލެއްކަމަށެވެ. މިވަގުތުވެސް 3 އޭޓީއެމް ސެންޓަރާއި ބްރާންޗް އަދި ކޮންޓެކްޓް ސެންޓަރެއް ހުޅުމާލޭ ފޭސް 1ގައި ގާއިމްކޮށް ކަސްޓަމަރުންނަށް ހިދުމަތްދެމުންދާކަން ފާހަގަކޮށް އައިޝަތު ނޫރައްދީން ވިދާޅުވީ މިއީ ފަހުރެއްކަމަށެވެ. "އަދި މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންދާނަން." އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.