ބޯހިޔާވަހިކަމަށް ލުއި ލޯނު ދޫކުރާ ސްކީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވުމަށް ހައުސިން މިނިސްޓްރީއާ އެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައުދަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ކުޑަ އިންޓަރެސްޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވެހި' ލޯނު ސްކީމުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާ ހުޅުވާލާނެ ކަމަށެވެ. އަދި 'ހިޔާވަހި' ލުއި ލޯނު ސްކީމްގެ ދަށުން 5 ޕަސެންޓު ރޭޓުގައި އެއް މިލިއަން ރުފިޔާއިން ފެށިގެން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލޯނުގެ ދަށުން ތިން ކެޓަގަރީއަކުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 4 މިލިއަން ރުފިޔާ، މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާ އަދި ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް 1 މިލިއަން ރުފިޔާއެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ މި ލޯނުތައް އަނބުރާ ދެއްކުމަށް 25 އަހަރު ދޭއިރު ލޯނު ދޭނީ އަލަށް އަޅާ ގެތައް ބިނާކުރުމަށް ކަމަށެވެ. އަދި، އިމާރާތް ކުރަން ފަށާފައި ހުންނަ ގެތައް ނިންމުމަށާއި އަލަށް ގެ އެޅުމަށް ލޯނު ދޫކުރާނެކަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އިތުރަށް މިނިސްޓްރު ވިދާޅުވީ މި ސްކީމަށް އެޕްލިކޭޝަން ހުޅުވާލާއިރު، ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް އެޗްޑީއެފްސީ އާއި އިސްލާމިކް ބޭންކާ އެއްކޮށް، މީގެ ކުރިން ސޮއިކޮށްފައި ވާކަމަށެވެ.

މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދޫކުރާ ލޯނެކެވެ.