ދ. މީދޫގައި ބޭންކް އޮފް މޯލްޑިވްސް އިން ގާއިމުކުރި އާ އޭޓީއެމް ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މީދޫގައި އާ އޭޓީއެމްއެއް ގާއިމްކޮށް، ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާކުރެވުނީތީ އުފާކުރާކަމަށެވެ. މި ހިދުމަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި މުޖުތަމައަށް ފަސޭހަކަމާއެކު މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ.

"މި އާ އޭޓީއެމްގެ ސަބަބުން މީދޫގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޒަރޫރީ ބޭންކިން މުއާމަލާތްތައް ރަށުން ކުރެވޭނެ. މީގެ ސަބަބުން މިރަށު ރައްޔިތުންގެ އަގުހުރި ވަގުތާއި ވަސީލަތްތައް ސަލާމަތްކުރެވޭނެ." މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

މީދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ހިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 98 ސެލްފްސާވިސް ބޭންކިން ސެންޓަރު، 155 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.