ގަޒިއްޔާތަކާ ގުޅިގެން ދަރިންގެ ހަރަދުގެ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި 46.3 މިލިއަން ރުފިޔާ ފެމިލީ ކޯޓުން ބަލައިގެންފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

އެ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ގަޒިއްޔާތަކާ ގުޅިގެން ޖުމްލަ 46,330,943.93 ރުފިޔާ އެ ކޯޓުން ބަލައިގެންފައި ވާއިރު އޭގެ ތެރެއިން އެންމެ ގިނައީ ދަރިންގެ ހަރަދުގެ ގޮތުގައި އެ ކޯޓަށް ދައްކާފައިވާ ފައިސާއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އިއްދައިގެ ހަރަދުގެ ގޮތުގައި އެ ކޯޓުން ވަނީ 2,722,440.84 ރުފިޔާ ބަލައިގެންފައެވެ.

ފެމިލީ ކޯޓުން ބުނީ އަނބިމީހާގެ ހަރަދުގެ ގޮތުގައި އެ ކޯޓުން 94,856.99 ރުފިޔާ ބަލައިގެންފައިވާއިރު ގަޒިއްޔާތަކާ ގުޅިގެން ބަލައިގެން އެހެނިހެން ފައިސާގެ އަދަދަކީ 423,460.82 ރުފިޔާ ކަމަށެވެ.

އެ ފައިސާއާއި އޭގެ ކުރީ އަހަރު އެ ކޯޓުން ބަލައިގެން ރައްދު ނުކޮށް ހުރި ފައިސާއާއެކު މި އަހަރު 47,161,891.11 ރުފިޔާ ރައްދުކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.

ފެމިލީ ކޯޓުން ބުނީ މިދިޔަ އަހަރުގެ ތެރޭގައި 2312 މައްސަލައެއް އެ ކޯޓަށް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރެއިން 2236 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އަދި ގެވެށި އަނިޔާއިން ރައްކާތެރިކުރުމާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ އަމުރުތައް ހިމެނޭ ޖުމްލަ 167 އަމުރެއް މިދިޔަ އަހަރުގެ ތެރޭގައި ނެރެވިފައިވާ ކަމަށް ވެސް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް 270 މައްސަލަ ހުށަހެޅި ކަމަށާއި އޭގެ ތެރެއިން 108 މައްސަލައަކަށް ސުލްހަވެރި ހައްލެއް ހޯދައިދެވުނު ކަމަށްވެސް ފެމިލީ ކޯޓުން ބުނެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގއި ކޯޓަށް ހާޒިރުވުމަށް އަންގާ 11703 މީހަކަށް އަމުރު ފޮނުވި ކަމަށްވެސް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.