ފެމިލީ ކޯޓުގައި ރަޖިސްޓްރީކުރުމެއް ނެތި ދިވެހި އަންހެނަކު ތިން ކައިވެންޏެއް ކުރުމުގެ ސަބަބުން އޭނާގެ ތިން ފިރިން ތިބޭ މައްސަލައެއް ކޯޓުގައި އެބައޮތް ކަމަށް، ފެމިލީ ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދަރިންނަށް ހަރަދު ނުދީ ބޭރު ގައުމުތަކުގައި ދިވެހިން ކައިވެނި ކުރާ މައްސަލައާއި ކޯޓުން ބޭރުން ކައިވެނިކުރާ މައްސަލަތައް ފެންމަތިވާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހްމަދު މައުސޫމް ވިދާޅުވީ، ރާއްޖޭގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ގާނޫނުތަކަށް ފިލުމަށްޓަކައި ބޭރު ގައުމުތަކަށް ގޮސް ބައެއް ދިވެހިން ކައިވެނިކުރާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ދިވެހި އަންހެނަކު ތިން ފިރިން ގެންގުޅޭ މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ.
"އެއީ ހަމަ ފުރަތަމަ ކައިވެންޏެއް ރާއްޖެއިން ބޭރުގަ ކޮށްފަ އެ ކައިވެނި ރަޖިސްޓްރީ ނުކުރެވޭ ހާލަތެއްގަ އެ ކައިވެނި އެއީ ނެތް ކައިވެންޏެއް ގޮތަށް ދޫކޮށްލުމަށް ފަހު އެ މީހުން ހަމަ އަމިއްލައަށް އިތުރު ކައިވެންޏެއް ރާއްޖެއިން ބޭރުގަ ކޮށްފަ، އަނެއްކާ ދެވަނަ ކައިވެނި ވެސް ރަޖިސްޓްރީކުރަން އައިސް، ފުރަތަމަ ކައިވެނީގެ ޑޮކިއުމެންޓްތައް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި،" މައުސޫމް ވިދާޅުވިއެވެ.
"އެ ކައިވެނި ރަޖިސްޓްރީ ނުކުރެވި އެ ކައިވެންޏާ މެދު ގޮތެއް ކަނޑަނޭޅި އިތުރު ކައިވެންޏެއް ކޮށްފަ އަނެއްކާ ދެވަނަ ކައިވެންޏާ މެދު ވެސް ގޮތެއް ކަނޑަނޭޅި އަނެއްކާ ތިންވަނަ ކައިވެނި ވެސް ކުރީ،"
މައުސޫމް ވިދާޅުވީ، މިކަމުގެ ސަބަބުން ނަސަބު އޮޅި މުޖުތަމައުގެ ތެރޭ ނޭދެވޭ ކަންކަން އުފެދިގެން ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުގައި ދިވެހިން ކައިވެނިކުރުމަށާއި ވަރިކުރުމަށް ފެމިލީ ކޯޓުގެ ހުއްދައަށް އެދެން ޖެހޭނެ ކަމަށް އެ ކޯޓުގެ އުސޫލުގައި އޮތް ނަމަވެސް ބައެއް މީހުން ފެމިލީ ކޯޓުގެ ހުއްދައެއް ނުނަގައެވެ. އަދި ފެމިލީ ކޯޓުން ބޭރު ގައުމުތަކުގައި ކައިވެނިކުރަން ދިވެހިންނަށް ހުއްދަ ދެނީ ހުރިހާ ޝަރުތެއް ފުރިހަމަވާ ނަމަ ކަމަށް ވެސް ވިދާޅުވިއެވެ.
މައުސޫމް އިތުރަށް ވިދާޅުވީ މިފަދަ އިތުރު މައްސަލަތަކެއް އެބަހުރި ކަމަށާއި ހައިކޯޓުން ވެސް އޭގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ.