އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުގައި އެދިފައި ނުވާނެ ކަމަށް ރައީސްގެ އާއިލާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
އާޒިމާގެ ލޯ ފާމު، ރެހެންދި ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސާޖިދާގެ ފަރާތްޕުޅުން ޖިނާއީ އެއްވެސް މައްސަލައެއް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށާއި ޖިނާއީ ދައުވާތަކެއް އުފުލުމުގެ ނިޔަތެއް ވެސް ނެތް ކަމަށެވެ.
ސާޖިދާގެ ފަރާތްޕުޅުން އެ ކަމުގައި އުފުލާފައިވަނީ ހަމައެކަނި މަދަނީ ދައުވާތަކެއްކަން ފާހަގަ ކުރައްވާ އެ ބަޔާނުގައި ބުނީ، އެ މައްސަލަތައް ހުށަހަޅާފައި ވަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓަށް އެކަނި ކަމަށެވެ. އަދި އެފަދަ ދޮގު ހަބަރުތައް ފެތުރުމުގެ ކުރިން ކަން ހިނގާފައިވާ ގޮތް ސާފު ކޮށް އޮޅުންފިލުވުމަށްފަހު މައުލޫމާތު ދައުރު ކުރުމަށްވެސް އެ ބަޔާނުގައި އެދިފައި ވެއެވެ.
މި ބަޔާން ނެރެފައި މިވަނީ މިދިޔަ ރަމަޟާން މަހުގެ ތެރޭގައި އެމްޑީޕީއިން ސިލްސިލާކޮށް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ ސާބިތު ނުހިފޭ ތުހުމަތެއް ކުރުމާއި ގުޅިގެން މަންދި އާއި މާޒް ސަލީމް ފުލުހަށް ހާޒިރުވެ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން މަންދީއާއި މާޒް ސަލީމްގެ ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ ބޭރު ފޮޓޯ ނަގައި އަޑުގެ ސާމްޕަލް ނެގުމަށް އަންގާ ޗިޓު ފޮނުވުމާއެކު ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ ޗިޓު ކެންސަލްކޮށްފައެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިންލައަގްވާމީ މުއާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ މަންދީ އާއި އެމްޑީޕީ އަދި ފައްޔާޒްގެ މައްސަލައެއް ފެމިލީ ކޯޓަށް ވެސް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން މި މައްސަލަ ހުށަހަޅާފައި ވަނީ ރައީސްގެ ދަރިކަލުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަގާމުތަކުގައި ތިބެދާނެ އެހެންކުދިންނަށް ރައްކާތެރިކަން ޔަގީންވެފައި އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި މެޑަމް ސާޖިދާ ދެކެވަޑައިގަންނަވާތީ ކަމަށް މީގެ ކުރިން އެ މައްސަލައާއި ގުޅިގެން ރައީސްގެ އާއިލާގެ ވަކީލުން ނެރުނު ބަޔާނެއްގައި ވެއެވެ.