އެމްޑީޕީން މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ދައުވާކުރަން ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މިދިޔަ ރަމްޟާން މަހުގެ ތެރޭގައި އެމްޑީޕީއިން ސިލްސިލާކޮށް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ. މި ކަމާ ގުޅިގެން ރައީސްގެ އަޢިލާއިން ވަނީ މި މައްސަލަގައި ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މިއަދު ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ. އެގޮތުން އުމައިރުގެ މަންމަ، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައި ކަމަށް އެ ބަޔާނުގައި ބުނެއެވެ.

ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ހައްގު ނިގުޅައިގެންފައި ވާތީ މަންދީ އާއި އެމްޑީޕީ އަދި ފައްޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. ހަމައެއާއެކު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިންލައަގްވާމީ މުއާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ މަންދީ އާއި އެމްޑީޕީ އަދި ފައްޔާޒްގެ މައްސަލައެއް ފެމިލީ ކޯޓަށް ވެސް ވަނީ ހުށަހަޅާފައެވެ.

އެ ބަޔާނުގެ ބުނެފައި ވާ ގޮތުގައި މި މައްސަލަތައް ހުށަހަލާފައި ވަނީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު ސިޔާސީ ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ތެރެއިން ވިޔަސް ނިގުޅައި ނުގަނެވޭނެ ކަން ކަށަވަރު ކުރުމަށް ކަމަށެވެ. ހަމައެއާއެކު އެ ކުދިންގެ ތައުލީމާއި މުސްތަގްބަލް އަދި ނަފްސު ގަނާ ކުރުމާއި ފިރައްސާރަ ކުރުމާއި އަދި ނުރައްކަލުގެ ތެރެއިން ހުށަހެޅުމަށް ކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަނސް ކަށަވަރު ކުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މި މައްސަލަ ހުށަހަޅާފައި ވަނީ ރައީސްގެ ދަރިކަލުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަގާމުތަކުގައި ތިބެދާނެ އެހެންކުދިންނަށް ރައްކާތެރިކަން ޔަގީންވެފައި އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި މެޑަމް ސާޖިދާ ދެކެވަޑައިގަންނަވާތީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.