މިއަދުގެ ރީތި ތާރީހާ ގުޅުވައިގެން މާލޭގައި 59 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

މި އަހަރު އަންނާނެ އެންމެ ރީތި އެއް ތާރީހުކަމުގައި ވާ 25-5-25 ގައި 59 ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު ފެމިލީ ކޯޓުން ބުނީ މިއީ މި އަހަރުގެ މިހާތަނަށް އެކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި އަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ އެއް ދުވަސް ކަމަށެވެ. ފެމިލީ ކޯޓުން ބުނީ، މިއަދު ސަރުކާރުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދޭނެ ކަމަށެވެ.

https://www.facebook.com/share/p/1ATZe61AMR/

މީގެ އިތުރުން ފެމެލީ ކޯޓުން ވަނީ މިއަދު ކޯޓަށް ދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ކޯޓުގެ ބޭރުގައި ޓެންޓެއް ޖެހުމަށްފަހު ކޯޓަށް ދާ ފަރާތްތަކަށް އިށީދެގެން ތިބެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، މިއަދު ވަރިއާ ގުޅޭ 22 މައްސަލައެއްވެސް ތާވަލު ކުރެވިފައިވާކަމަށް ފެމިލީ ކޯޓުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި ރީތި ތާރިހުތަކުގައި ކައިވެނިކުރުމަކީ އަބަދުވެސް ކުރަމުން އަންނަކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިފަދަ ތާރިހުތައް ބަންދު ދުވަސްތަކާއި ދިމާވެއްޖެނަމަ، ކޯޓުން އެކަމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދެއެވެ.