ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީ ޕީއެންއެފްގެ ނަމުގައި އިންތިހާބުތަކުގައި ވާދަ ކުރުމުގެ ހުއްދަ ދިނުމަށް އެ ޕާޓީއިން އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދިއްޖެއެވެ.

އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މިއަދު އީސީއަށް ވަޑައިގެން އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުހައްމަދު މަލީހް ޖަމާލް ވަނީ އީސީއިން ރޯދަ މަސް ތެރޭގައި މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ނިންމި ނިންމުމަކީ އެ ޕާޓީއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެއީ ރޯދަ މަސް ތެރޭގަ މިފަދަ އިންތިހާބެއް ބޭއްވުމަކީ އިންތިހާބުގެ ކަންކަމުގައި އުޅޭ ފަރާތްތަކަށް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވޭނެ ކަމެއް ކަމަށްވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ދެކޮޅުކަން ފާހަގަ ކުރައްވާ މަލީހް ވިދާޅުވީ ގިނަ ޕާޓީތަކުގެ އެދުމަކީ ރޯދަ މަހުގެ ފަހުން އިންތިހާބު ބޭއްވުން ކަމަށެވެ. އެހެން ކަމުން އިންތިހާބު ފަސްކޮށްދިނުމަށާއި، ރޯދަ މަހުގެ ފަހުން އިންތިހާބު ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީން އުފައްދަވާ ޕާޓީގެ ފަރާތުން މަޖިލީހުގެ ގިނަ ދާއިރާތަކަށް ވާދަކުރަން ނިންމާފައިވާ ކަމަށާއި އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ޕީއެންއެފްގެ ނަމުގައި ވާދަ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް، އީސީގައި އެދިފައި ވާނެ ކަމަށެވެ. އެގޮތުން ޕާޓީގެ ނަން އަދި ލޯގޯ ވޯޓު ކަރުދާހުގައި އޮތުމަކީ ރައީސް ޔާމިންއަށް ތާއީދު ކުރާ ފަރާތްތަކަށް ވޯޓުލާއިރު، ކެންޑިޑޭޓުުން ފަސޭހައިން އެނގިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަޖިސްޓްރޭޝަން ޕްރޮސެސް އަވަސް ކުރުމަށްޓަކައި އީސީގެ ޕޯޓަލްގެ އެކްސެސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށާއި އެކަމާ ގުޅިގެން އީސީގެ މެންބަރުން މަޝްވަރާ ކުރުމަށްފަހު އެ އެކްސެސް ދޭން ނިންމާފައިވާ ކަމަށް މަލީހް ވިދާޅުވިއެވެ. އަދި އެ އެކްސެސް ލިބުމާއެކު ޕާޓީގެ ފޯމުތައް ޕޯޓަލްއަށް ފަސޭހަ ކަމާއެކު އަޕްލޯޑް ކުރެވޭނެކަން މަލީހް ފާހަގަ ކުރެއްވިއެވެ.

މަލީހް އިތުރަށް ވިދާޅުވީ މީގެ ކުރިން އޮތީ އެންމެ މީހަކަށް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭ ގޮތަށް ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ އެދިލެއްވުމާ އެއްގޮތަށް އީސީއިން މިހާރު ނިންމާފައި ވަނީ އެކަކަށްވުރެ ގިނަ މީހުންނަށް ސިޔާސީ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ސިޔާސީ ޕާޓީއެއް އުފެއްދޭ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.