ދިވެހިރާއްޖޭގެ ބިންތަކާއި ތަންތަން އުސޫލުތަކާއި ގާނޫނާ ހިލާފަށް ދޫކުރަމުންދާއިރު، އެފަދަ ކަންކަން ބަލައި ހުއްޓުވުމަކީ ފުލުހުންގެ ގާނޫނީ ޒިންމާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ފުލުހުންގެ ގާނޫނުގެ ދަށުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ބާރު އެ މުވައްސަސާއަށް ލިބިދީފައިވާކަމަށެވެ.
ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް ވެފައިވާ އެއްބަސްވުމަށާއި ސަރުކާރުގެ އެކި މުއާމަލާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ މަނިކުފާނު ވަނީ މިފަދަ ބޮޑެތި މައްސަލަތައް ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގަންދެން ނުވަތަ މީހަކު މައްސަލައެއް ހުށަހަޅަންދެން ފުލުހުން ތިބެން ނުޖެހޭނެ ކަމަށެވެ. އަދި ގައުމުގެ ބިންތަކާއި އެހެނިހެން މުދާތައް ގާނޫނާ ހިލާފަށް ދޫކުރަމުންދާއިރު، ދިވެހި ފުލުހުން އަމިއްލަ އިސްނެގުމުގެ މަތިން އެފަދަ ކަންކަން ބަލަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރަސްމާލެ މަޝްރޫއަކީ ފެށުނީއްސުރެ ވެސް ކޮރަޕްޝަނުގެ ތެރެއިން ހިންގަމުން އަންނަ ކަމެއް ކަމަށާއި، އެ ބިންތައް އީގަލް ހިލްސް ފަދަ ބޭރުގެ ފަރާތްތަކަށް ދޫކޮށްލައިފިނަމަ ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލި، މިނިވަން ދައުލަތެއްގެ ސިފަ ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުދާތައް ވެސް ރަހުނުކުރަމުންދާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
