ދިވެހިރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތާއީދު ނުކުރައްވާ ކަމަށާއި، ރާއްޖެ އަދި އެފަދަ ނިޒާމަކަށް ތައްޔާރު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާ ގުޅިގެން "ސަންގު ޓީވީ" އަށް ދެއްވި ހާއްސަ އިންޓިވިއުއެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވަން އުޅުއްވާ ނިޒާމީ ބަދަލަށް ތާއީދު ކުރައްވަންތޯ ސުވާލުކުރުމުން ޔާމީން ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ރާއްޖޭގައި ހިނގާނެ ނިޒާމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"ނުކުރަން ތާއީދެއް އިނގޭތޯ؟ އެއީ ވޯކުކުރާނެ ނިޒާމެއް ނޫން. ބޮޑުވަޒީރަކު ހުންނަންޏާ ރައީސްއަކު ހުންނާކަށް ނުޖެހޭ. ރައީސްއަކު ހުންނަންޏާ ބޮޑުވަޒީރަކު ހުންނާކަށް ނުޖެހޭ. އެއީ އެގްޒެކެޓިވް ބާރަކީ އެެކެއްގެ އަތުގައި އޮންނަ ބާރު. އެހެންވީމާ ދެ މީހެއްގެ އަތުގައި އޮންނާކަށް ނުޖެހޭ. ދެން އަޅުގަނޑެއް ގަބޫލެއް ނުކުރަން ރާއްޖެ ތައްޔާރު ކަމަކަށް ބަރުލަމާނީ ނިޒާމަކަށް،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީގެ ބައެއް ދާއިރާތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލުކުރެވުނު ނަމަވެސް، އޭގެ ތެރޭގައި ވެރިކަމުގެ ނިޒާމު ހިމެނިގެން ނުވާނެއެވެ. އަދި ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރައްވާ ބޭފުޅެއް ނަމަވެސް، އެއީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫންކަން ވަނީ ސަރީހަ އިބާރާތުން ވިދާޅުވެފައެވެ.
ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރެއްވި ނަމަވެސް މިހާރު ހިޔާލު ބަދަލުވި ސަބަބާ ގުޅޭގޮތުން ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު މަޖިލިސް ތެރެއަށް ފައިސާގެ ނުފޫޒު ވަންނަ މިންވަރު ފެނިވަޑައިގެންފައިވާ ކަމަށެވެ. މަޖިލީހަކީ "ސޭލް އަޅުވާފައި" އޮންނަ ތަނެއްގެ ގޮތުގައި ސިފަކުރައްވަމުން ޔާމީން ވިދާޅުވީ، ގައުމުގެ ބޮޑެތި ނިންމުންތަކާއި މަސްލަހަތުތައް އެފަދަ ތަނަކަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
ނިޒާމީ ބަދަލުގެ ބަދަލުގައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތަކަށް އުނިކަން އަންނަ ކަންކަމަށް ބަދަލު ގެނައުމަށް ޔާމީން ތާއީދުކުރެއްވިއެވެ. އެގޮތުން 'ވާނުވާ' ބަންދު ފަދަ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެވޭ ކަންކަން އިސްލާހުކުރުމަކީ މައްސަލައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން، ދިވެހި ރައްޔިތުން ވަނީ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނެފައި. ބަރުލަމާނީ ނިޒާމު ނުގެނެވިގެން ފަޔަށް ހިނިއަރައިގެން އުޅުނީ ރީނދޫ އެމްޑީޕީ ގެ ނަޝީދު.