ކޮރަޕްޝަނާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހޫނު ރައްދެއް ދެއްވައިފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ރޭ ބޭއްވި "ފެހި ސިގްނަލް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ރައްޔިތުން 2023 ގައި ސަރުކާރު ބަދަލުކުރީ ނުހަނު އުއްމީދާއެކު ނަމަވެސް ސަރުކާރަށް 3 އަހަރުވަމުންދާއިރުވެސް ރައްޔިތުންނަށް ފައިދާވާ ކަމެއްވެފައި ނެތްކަމަށެވެ.

އެގޮތުން، ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންނަށް ކުލަ ކުލައިގެ ސިގްނަލް ދެއްވި ނަމަވެސް މިއަދު އެންމެ ކުޑަ މިނުން ގަވަނަންސްގައި ވެސް ފެހިކަމެއް ނެތި ފެއިލްވެފައިވާ ކަމަށް ވިދާޅުވެ ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަަށް ފާޑުވިދާޅުވެފައެވެ. ހަމަ އެހެންމެ މިއަދު މިނިވަން މުއައްސަސާތަކުގެ ވެރިންނަކީ ރައީސް ބޭނުންފުޅުވާ ގޮތަށް ވަކި ކޯޓެއް ފަހާ، ލައްވާފައި ތިބި ބައެއް ކަމަށާއި ވަޒީފާގެ ބިރަށް މުއައްސަސާތަކުގެ ވެރިން ތިބީ ހައްގުގެ މަގުގައި ގުޑިލަން ނުކެރިފައި ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އޭސީސީގެ ވެރިންނަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަޔަކަށް ހަދައި، އެ ތަންތަނުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންސާނާގެ ކިބައިން ލަދުހަޔާތް ކެނޑިއްޖެނަމަ ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައި ކޮރަޕްޝަންގެ ދުނިޔޭގެ ފެންވަރުގެ ރެކޯޑެއް ހެދީ ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގެވި ވެރިކަމުގައި ކަމަށާއި، އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ އެމަނިކުފާނުގެ ބާރުގެ ދަށުގައި "ކޯމާ" އެއްގައި ކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ މާލީ މުއާމަލާތްތަކަށް އަލިއަޅުއްވާލައްވަމުން ފަލާހް ވަނީ، ގ. ދޫވެހި ނަމުގައި އެޅި ގަނޑުވަރާއި، މިހާރު ހަމަ އެ ނަމުގައި ހެންވޭރުގައި ހަދަމުންދާ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮންތަނެއް "ދަވާލައިގެން" ހޯދި ފައިސާއިން އަޅާ ތަންތަންތޯ ރައްޔިތުން ސުވާލު އުފައްދާ މިންވަރު ހަނދުމަކޮށްދެއްވާފައެވެ. އަދި ސިންގަޕޫރާއި ދުބާއީގެ ފިކްސްޑް ޑިޕޮޒިޓް އެކައުންޓްތަކާއި އިންވެސްޓްމަންޓް އެކައުންޓްތަކުގައި ހުރި ޑޮލަރުތަކުގެ މަތިން އިދިކޮޅު އެމްޑީޕީ މީހުން ވެސް ހަނދާން ނުނެތޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުން ކަންބޮޑުވެ، ފިތިބާރުވެ، އަދި ރުޅިގަދަވެގެން އެމަނިކުފާނު ވެރިކަމުން ބޭލި ހަނދާން ނެތުނީތޯ ސުވާލު ކުރައްވަމުން، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ބޮޑެތި ކަންކަން ފަލާހް ވަނީ ހަނދާންކޮށްދެއްވާފައެވެ. އެގޮތުން:

  • ސުޕްރީމް ކޯޓުގެ ބެންޗު ބޭނުން ގޮތަކަށް ބަދަލުކުރުން.
  • ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށް ލުން.
  • ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު ފާސްކޮށް، ހުރިހާ މިނިވަން މުއައްސަސާތައް ޕެރަލައިޒް ކޮށްލުން.
  • އޭރު ޤައުމުގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލުން.
  • ނައިބު ރައީސުންނާއި އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުން.

މި ހުރިހާ ވާހަކަތަކެއް ދައްކާނެ ބަޔަކު މިއަދު ނެތް ކަމަށް ހީފުޅުކުރައްވައި، ރައީސް ޔާމީން މިއަދު "ހުދުކާފޫރަށް" ބަދަލުވެވަޑައިގެން އުޅުއްވާ ކަމަށް ފަލާހް ސިފަކުރެއްވިއެވެ.

އަދި އަމިއްލަފުޅަށް "ތިމަންނާއަކީ ރައީސް ޔާމީނޭ" ވިދާޅުވެ ނިދީގައި ވެސް ވާހަކަ ދައްކަވަނީ އެހެންވެގެން ކަމަށް ވިދާޅުވެ، ފަލާހް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފަލާހް މިފަދައިން ވިދާޅުވެފައިވާއިރު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ ފަލާހުއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ފަލާހުއަކީ ގާބިލުކަމެއް ނެތް ބޭކާރު މީހެއްކަމަށާއި އޭނާ އަކީ ގަދަ ކަނޑަކަށް އެއްލާލާފައި އޮންނަ ހިކި ބޮނބިގަނޑެއް ފަދަ ބޭފުޅެއް ކަމަށް ވިދާޅުވެ ހޫނު ރައްދުތަކެއް ދީފައި ވެއެވެ.