ހުޅުމާލޭގައި ވިޔަފާރިތަކަށް ހާއްސަ 7 އިމާރާތް އަޅަން 50 މިލިއަން ޑޮލަރަށް ޗައިނާއާ ހަވާލުކޮށްފިއެވެ.

އާބަން އައިލްގެ ކޮމާޝަލް ސްޕައިން ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

އާބަންކޯއިން ބުނީ ކޮމާޝަލް ސްޕައިންއަކީ ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރެވެމުންދާ އާބަން އައިލްގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަކުރެވިފައިވާ އިމާރާތްތަކެއް ކަމަށާއި އެގޮތުން މިއޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް މި ސްޕައިން މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

ކޮމާޝަލް ސްޕައިންގެ އެ މަޝްރޫއަށް ޖުމްލަކޮށް 50 މިލިއަން ޑޮލަރު ހޭދަވެގެންދާނެ ކަމަށާއި އެގޮތުން އެ ޕްރޮޖެކްޓްގެ ދަށުން ހެދޭ ހަތް އިމަރާތް ވާނީ ގުޅިފައި ކަމަށއި އެއީ ކޮމާރޝަލް 6 އިމާރާތަކާއި 1 ސަޕޯޓިން ހިދުމަތްތައް ދިނުމަށް ހަދާ އިމާރާތެއް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި އެ ތަންތަނުން ރީޓެއިލް ފިހާރަތަކާއި ވެލްނެސް އަދި އެންޓާޓެއިންމެންޓްގެ ހިދުމަތްތަކުގެ އިތުރުން ބޭންކިން ފަދަ އިތުރު ތަފާތު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް އާބަންކޯއިން ބުނެއެވެ.

އެ އިމާރާތްތަކަށް ސްޕައިންގެ ނަމުން ނަންދެވިފައިވަނީ އެ އިމާރާތްތައް ގުޅާލެވިފައިވާތީ ކަމަށްވެސް އާބަންކޯއިން ފާހަގަކުރެއެވެ.

އެ ސްޕައިން ހެދިގެންދާނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައި 3 ނުވަތަ 4 ފްލޯއަށް ކަމަށްވާއިރު އެ ސްޕައިން ވެގެންދާނީ މާލެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓްރަކްޗާއަށް ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ކޮމާޝިއަލް ޒޯނަށް ކަމަށް އާބަންކޯއިން ބުނެއެވެ.

އެ ސްޕައިން ތަރައްގީކުރެވުމުގެ ސަބަބުން ތަފާތު ގިނަގުނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި އެއާއެކު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ އެ ސަރަހައްދުގައި ގެސްޓްހައުސް ޓޫރިޒްމަ ފުޅާވެގެންދާނެ ކަމަށާއި އެ ސަރަހައްދުގެ އިމާރާތްތައް ނިމުމުން ވިޔަފާރިތަކަށް އިމާރާތްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ދޭނެ ކަމަށްވެސް އާބަންކޯއިން ވަނި ބުނެފައެވެ.