ހުޅުމާލެ ފޭސް 3 ގެ ހިއްކާ ސަރަހައްދުގެ ފަޅުތެރޭގައި އޮތް ބައެއް އުޅަނދުތައް ނަގަން އަންގައިފިއެވެ.

އާބަންކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އުޅަނދުތަކެއް އަޅާފައިވާ ސަރަހައްދެއް ފާހަގަކޮށް އެ ސަރަހައްދުގައި އޮތް އުޅަނދުތައް ވީހާވެސް އަވަަހަކަށް ނެގުމަށް އަންގާފައެވެ. އަދި އެ އުޅަނދުތަކުގެ ވެރިފަރާތެއް ވާނަމަ އާބަންކޯގެ ހޮޓްލައިން 1516 އަށް ގުޅައިގެން މައުލޫމާތު ސާފަުކުރުމަށް ފަހު ވީހާވެސް އަވަހަކަށް އެ އުޅަނދުތަކުގެ ވެރިފަރާތުން އުޅަނދުތައް ނެގުމަށް އާބަންކޯ އިން ބުނެއެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ.

އެގޮތުން ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުން ދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް އާބަންކޯއިން ބުނެއެވެ.

ހުޅުމާލެ ފަޅުން ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

ހުޅުމާލެއިން ހިއްކާ މި ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިން ކަމަށްވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ. ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.