ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އޭރިއާ އީ ގެ ދަށުން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާނެ ކަމަށް އާބަންކޯއިން ބުނެފައި ވެއެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް އެރިއާ އޭ، ބީ އަދި އީ ގެ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އާބަންކޯއާއި ޗައިނާ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ވިޔަފާރިތަކަށް ތަފާތު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އާބަންކޮއިން ބުނެއެވެ.

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސަައްކަތް ކުރިއަށް ދަނީ - ފޮޓޯ: އާބަންކޯ

ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްގީއަށް ހިންގޭ މުހިއްމު މަޝްރޫއުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް އެ ކަން ކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަނުގެ އަމާޒު ކަމަށް ވެއެވެ.

ތިލަފުށި އޭއިއާ އީ ހިއްކުމަށް ފަޅުތެރޭގައި އަޅާފައިވާ ބޯޓުފަހަރު ނެގުމަށް އަންގާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ އުސޫލުން ނުނަގާ ހުރި އުޅަނދުތައް އެ ކޯޕަރޭޝަނުން ނަގަމުންދާ ކަމަށް އާބަންކޯއިން މިއަދު ބުނެފައި ވެއެވެ.