ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ދުރާލާ އިއުލާންކޮށް، އުސޫލުތަކާ އެއްގޮތަށް ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން މިހެން ބުނެފައި ވަނީ ހުޅުމާލެ ބިން ހިއްކުމުގެ ޕްރޮޖެކްޓާ ގުޅިގެން އެމްޑީޕީން ކަންބޮޑުވުންފާޅުކޮށް ނެރުނު ބަޔާނަކާ ގުޅިގެންނެވެ.

އެމްޑީޕީން ރޭ ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރާ ފަރާތްތަކަށް ތިލަފުށީގެ ޝޯލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުމަކަށްދާ ގޮތަށް، ކ.ތިލަފުށީގެ ފަޅުތެރެއިން ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ކުރުމަށް ނިންމާ، އެ ސަރަހައްދުގައި ބޭނުންކުރަމުންދާ އުޅަނދުތައް ނެގުމަށް އަންގައި، ފުލުހުންގެ އެހީތެރިކަމާއެކު ބާރުގެ ބޭނުންކޮށް އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯއިން ކުރަމުން އަންނަ ކަމަށެވެ.

އަދި އުޅަނދުތައް ބޭރުކުރުމަށް އަންގާ މީގެ ކުރިން އާބަންކޯއިން ކުރި އިއުލާނުގައި ކ. ތިލަފުށީގެ މާސްޓާ ޕްލޭނާ އެއްގޮތަށް ތިލަފުށި ތަރައްގީ ކުރުމުގެ ބޭނުމަށް އެ ރަށުގެ ޝޯލައިންގައި ހިމެނޭ ސަރަހައްދު ހިއްކުމަށް ނިންމާފައިވާ ނިންމުމަކީ ވޭތުވެދިޔަ ސަރުކާރުގެ ނިންމުމެއްކަމަށް ވެއެވެ.

ނަމަވެސް، ތިލަފުށީގެ މާސްޓާ ޕްލޭނާ އެއްގޮތަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކުރީ ސަރުކާރުން މެދުކަނޑާލާފައިވަނީ އެ ސަރަހައްދުގެ ވަށައިގެން ހިމެނޭ މޫދު ސަރަހައްދުގެ ބޭނުންކުރަމުންދާ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުމަށް ރިއާޔަތްކޮށް، އެ ވިޔަފާރިތަކަށް އިތުރު ގޮތެއް ހޯދައިދިނުމަށްފަހު މެނުވީ އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމުގެ ވިސްނުމުގައި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި ތިލަފުށީގައި ހިންގަމުންދާ ވިޔަފާރިތަކަށް ގެއްލުންވެގެންދާ އުސޫލުން އެ ސަރަހައްދުގެ ބިން ހިއްކުމަށް އާބަންކޯ އިން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލައި، އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދެވޭނެ އުސޫލަކުން، ވިޔަފާރިވެރިންގެ މަޝްވަރާގެ މަތިން އެތަނާ ގުޅޭ ނިންމުންތައް ނިންމުމަށް ދިވެހި ސަރުކާރަށާއި، އާބަންކޯއަށް ވަނީ އެމްޑީޕީން ގޮވާލާފައެވެ.

އެ ކަމާ ގުޅިގެން އާބަންކޯއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިހާރު ކުރިއަށްދާ ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސޯދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން މާސްޓާ ޕްލޭނާއި އެއްގޮތަށް ހިއްކަންޖެހޭ ސަރަހައްދުތައް ވީ އެންމެ އަވަހަށް ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ހިއްކަމުންދަނީ ތިލަފުށީގެ ފަޅުގެ ބައެއް ކަމުން އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ތަކުރާރުކޮށް އެކި ފަހަރު މަތިން އެ ކޯޕަރޭޝަނުން އާންމުކޮށް އިއުލާންކޮށްފައިވާ ކަމަށެވެ. އަދި އުޅަނދުތައް ނެގުމަށް ވަކި ވަކިން އުޅަނދުތަކަށް ވެސް ނޯޓިސް ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައި ވެއެވެ.

އަދި ހަމައެހެންމެ މަސައްކަތް ކުރަމުންދަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމާބެހޭ ވުޒާރާ ތަކާ ގުޅިގެން ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އުޅަނދުތައް ނެގުމަށް ގިނަ މުހުލަތުތަކެއް ދީފައިވީ ނަމަވެސް އުޅަނދުތައް ނުނެގުމުން އެ ކޯޕަރޭޝަނުން އުޅަނދުތައް ނެގުމުގެ ކުރިންވެސް ނޯޓިސް ދީފައިވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

"އުޅަނދުތައް ނެގުމަށް ހާއްސަ އުސޫލެއް ކަނޑައަޅ،ާސަރުކާރުގެ ގެޒެޓުގައި 9 މާރިޗު 2023 ގައި ވަނީ ޝާއިއުކޮށްފައި. އެހެންކަމުން މި މަސައްކަތް ކުރެވެމުން ދާނީ މި އުސޫލާއި އެއްގޮތަށް" އާބަންކޯގެ ބަޔާނުގައި ވެއެވެ.