ތިލަފުށި އޭރިއާ "އޭ" ހިއްކުމުން ބޯޓުޔާޑާއި ހިލައާއި ހިލަވެލި ސަޕްލައިގެ މަސައްކަތަށް ޖާގަ ލިބޭނެ ކަމަށް އާބަންކޯގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް ވަނީ ތިލަފުށި އޭރިއާ "އީ" ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ބޯޓުޔާޑު އަދި ހިލަ/ ހިލަވެލި ސަޕްލައިގެ މަސައްކަތް ކުރާ ފަރާތްތަކަށް ބީޗް ފްރަންޓުން ޖާގަ ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ފަޒުލް ވިދާޅުވީ ތިލަފުށީގެ އޭރިއާ "އީ" ހިއްކުމުގެ މަސައްކަތް މި ދިޔަ މަހުގެ 18 ގައި ފެށުމަށް ހަމަޖެހިފައި ވީނަމަވެސް އެ ސަރަހައްދުގެ ފަޅު ތެރޭގައި އަޑިއަށް ގޮސްފައިވާ އުޅަނދުތަކާއި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި އުޅަނދުތައް ފަޅު ތެރޭގައި އަޅާފައިވާ ކަމަށެވެ. އަދި ހިއްކުމަށް ހަމަޖެހިފައިވާ ސަރައްހަދުގެ ވަށައިގެންހުރި ބިންތަކުގައި އުޅަނދުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދަކަން ފަޒުލް ވަނީ ފާހަގަކުރައްވާފައެވެ.

ފަޒުލް ވަނީ އެ ސަރައްހަދުގައިވާ އުޅަނދުތައް މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ނެގުމަށް އަންގާފައެވެ.

ތިލަފުށީގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެމްޑީޕީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެމްޑީޕީއިން ބުނީ އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރާ ފަރާތްތަކަށް ތިލަފުށީގެ ޝޯލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުމަކަށްދާ ގޮތަށް، ތިލަފުށީގެ ފަޅުތެރެއިން ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ކުރުމަށް ނިންމާ، އެ ސަރަހައްދުގައި ބޭނުންކުރަމުންދާ އުޅަނދުތައް ނެގުމަށް އަންގައި، ފުލުހުންގެ އެހީތެރިކަމާއެކު ބާރުގެ ބޭނުންކޮށް އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯއިން ކުރަމުން އަންނަ ކަމަށެވެ.

އެ ކަމާ ގުޅިގެން އާބަންކޯއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިހާރު ކުރިއަށްދާ ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސޯދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން މާސްޓާ ޕްލޭނާއި އެއްގޮތަށް ހިއްކަންޖެހޭ ސަރަހައްދުތައް ވީ އެންމެ އަވަހަށް ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ހިއްކަމުންދަނީ ތިލަފުށީގެ ފަޅުގެ ބައެއް ކަމުން އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ތަކުރާރުކޮށް އެކި ފަހަރު މަތިން އެ ކޯޕަރޭޝަނުން އާންމުކޮށް އިއުލާންކޮށްފައިވާ ކަމަށެވެ. އަދި އުޅަނދުތައް ނެގުމަށް ވަކި ވަކިން އުޅަނދުތަކަށް ވެސް ނޯޓިސް ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައި ވެއެވެ.