މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށް އެޗްޑީސީ 'އާބަންކޯ' އަށް ރީބްރޭންޑްކުރިތާ އަހަރެއް ނުވެ، ކުރިން ވެސް ކިޔަމުން ދިޔަ އެޗްޑީސީ އަށް އަލުން ނަން ބަދަލުކޮށްފިއެވެ.
އެޗްޑީސީގެ އޮފީސް އިމާރާތުގައި ޖަހާފައި ހުރި އާބަންކޯގެ ލޯގޯ ނަގައި، އެޗްޑީސީގެ ލޯގޯ ރޭ ހަރުކުރުމަށް ފަހު، އެ ލޯގޯ އިފްތިތާހުކޮށް، ރަސްމީކޮށް އަލުން އެޗްޑީސީ ބޭނުންކުރަން ފެށީ މިއަދެވެ. އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ވެސް އެ ކޯޕަރޭޝަނުން ވަނީ މިއަދު ބާއްވައިފައެވެ.
މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ، އާބަންކޯގެ އަށް އެ ކޯޕަރޭޝަންގެ ނަން ރީބްރޭންޑްކުރި ކަމުގައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ނުލިބޭ ކަމަށާއި، އޭރު ވެސް ރަސްމީކޮށް ބޭނުންކުރަމުން ދިޔައީ 'އެޗްޑީސީ' ކަމަށެވެ. އެޗްޑީސީން ބުނި ގޮތުގައި އާބަންކޯ އަށް އެ ކޯޕަރޭޝަންގެ ނަން ރީބްރޭންޑްކުރުމުން، ކޯޕަރޭޝަންގެ ނަމާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް އޮޅުން އަރާފައިވެއެވެ.
އާބަންކޯ އަށް އެޗްޑީސީ ރަސްމީކޮށް ރީބްރޭންޑުކުރީ މިދިޔަ އޭޕްރިލް މަހުގެ ކުރީކޮޅުގައެވެ. ކުންފުނި އާބަންކޯ އަށް ރީބްރޭންޑްކުރުމަށްޓަކައި 1.8 މިލިއަނަށެއްހާ ރުފިޔާ ހަރަދުކުރިއެވެ. ހަރަދުތަކުގެ ތެރޭގައި ކުންފުނީގެ ދިދަ އާއި ޓެންޓާއި ޑިސްޕްލޭ ބެނާ ސްޓޭންޑް ހެދުމަށް ހޭދަކުރި 353،008 ރުފިޔާ އާއި، ގަލަމާއި ނޯޓުފޮތާއި ފެންބޯ މަގަށް ހަރަދުކުރި 279،000 ރުފިޔާ ހިމެނެއެވެ.
މީގެ ކުރިން ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވި ގޮތުގައި، އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކުރީ ގާނޫނީގޮތުން ކުރަން ޖެހޭ ކަންކަން ނުކޮށް ނަމެއްގައެވެ. އެމަނިކުފާނު އޭރު ތުހުމަތުކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން އެޗްޑީސީ އާބަންކޯ އަށް ރީބްރޭންޑްކުރީ ކޮންމެވެސް ފަރާތަކަށް ބޮޑު އަދަދަކުން ފައިސާ ދިނުމަށްޓަކައެވެ.