ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި ވޯކް ޕާމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން، ރާއްޖެ އައުމަށްފަހު ވޯކް ޕާމިޓް ހެއްދުމަށް ހަދަންޖެހޭ މެޑިކަލް އާއި ނުލާ ވޯކް ޕާމިޓް ދޫކުރުން މާދާމާއިން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި ވޯކް ޕާމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އަދި، މިވަގުތު ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ، އެ ފަރާތަކަށް ވޯކް ޕާމިޓްގެ މުއްދަތު އިތުރުކޮށް، ރާއްޖެ އެތެރެވެވޭނީ، ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދާ، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެންނެވެ. އަދި މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެންޖެހެއެވެ.

އަދި، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވޯކް ޕާމިޓަށް ބޭނުންވާ މެޑިކަލް އާ ނުލައި ވޯކް ޕާމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 2024 ޖުލައި 04 ގެ ނިޔަލަށް ހުށަހެޅުމަށްވެސް ވަނީ އަންގާފައެވެ. އަދި މި މުއްދަތާއި ހަމައަށް ވޯކް ޕާމިޓް މެޑިކަލް ހުށަނާޅާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

"އަދި 2024 ފެބްރުއަރީ 04 ވަނަ ދުވަހުގެ ފަހުން ފުރައިގެންދާ ފަރާތްތަކުގެ ވަރކް ޕަރމިޓް ކެންސަލް ކުރެވޭނީ، ވަރކް ޕަރމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމައެވެ. މިމުއްދަތު ހަމަވެފައިވާނަމަ، ވަރކް ޕަރމިޓް މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދު (2023/R-111) ގެ ދަށުން 2,000/- ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ." މިއަދު ކުރި އިއުލާނުގައި ވެއެވެ.

މިގޮތަށް އުސޫލު އެކުލަވާލާފައި މިވަނީ ދާދި ފަހުން ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާ ބަލީގެ ކޭސްތަކެއް ރާއްޖެއިން ފެނުމާ ގުޅިގެންނެވެ. ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ ހުސްވި މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށިންނެވެ. އެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. މިއާއެކު ރާއްޖެއިން ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32 އަކަށް އަރާފައެވެެ.