ބިދޭސީންނާ ގުޅޭ ޖޫރިމަނާ އާއި ފީތައް ފަހުން ދައްކަން އެއްބަސްވާ ގޮތަށް ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލްކޮށްދޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާ ދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން މިއަދުން ފެށިގެން ވޯކްޕާމިޓާއި ގުޅުން ހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލާ ވޯކްޕާމިޓް ބާތިލް ކޮށްދެވޭނެ ކަމަށެވެ.

ނަމަވެސް އެފަދައިން ވޯކްޕާމިޓް ބާތިލް ކުރެވޭނީ ފީތަކާއި ޖޫރިމަނާތައް ދެއްކާ ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށް ފަހުގައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ހަމަ އެހެންމެ ބާތިލުކުރާ ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރާނީ އެ ޕާމިޓަކާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް އެއްކޮށް ދެއްކުމުން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ފަށައިފަ އެވެ. އޭގެ ތެރެއިން، ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް ފުރުސަތު ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.