ވިޔަފާރި އަދި ހާއްސަ ހުއްދަތަކުގެ ދަށުން ރާއްޖެ އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން މަސައްކަތުގެ ވިސާ (ވޯކް ވިސާ) އަށް ބަދަލުނުކުރެވޭ ގޮތަށް ކަމާބެހޭ އުސޫލުތައް އިސްލާހުކޮށް މިއަދުން ފެށިގެން ތަންފީޒުކުރަން ފަށައިފިއެވެ.
މި ނިންމުމާ ގުޅޭގޮތުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓްރީއިން ހާމަކުރި ގޮތުގައި، ބިޒްނަސް ވިސާއަކީ ވިޔަފާރީގެ ކުއްލި ބޭނުންތަކަށް ކުރު މުއްދަތަކަށް ފަންނީ މީހުން ގެނައުމަށް ދޫކުރާ ހުއްދައެކެވެ. ނަމަވެސް ބައެއް ކުންފުނިތަކުން ގަވާއިދުން ވޯކް ޕާމިޓް ހޯދުމުގެ ބަދަލުގައި، އަވަސް މަގަކުން މީހުން އެތެރެކުރުމަށް ފަހު ވިސާ ބަދަލުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މިފަދަ ނަހަމަ އަމަލުތައް ހުއްޓުވުމުގެ ގޮތުން، މި ވިސާތަކުގައި ތިބޭ ފަރާތްތަކަށް "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް ދެން ވަޒީފާގެ ހުއްދައަށް ނޭދެވޭނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން، މިހާތަނަށް ގިނަ އަދަދެއްގެ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން 294،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތާއި ބަޔޯމެޓްރިކްސް އެއްކޮށްފައިވާއިރު، ގަވާއިދަށް ނުފެތޭ 12،000 އަށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ސައްހަ ލިޔެކިޔުމާއެކު 2 ލައްކައަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާއިރު، ހުއްދަ އޮންނަ ދާއިރާ ނޫން އެހެން ދާއިރާތަކުގައި އަމިއްލަ ވިޔަފާރިކޮށް 'އޯޕަން ވިސާ' ގެ ނަމުގައި ގަވާއިދާ ހިލާފަށް އުޅޭ މައްސަލަ ހައްލުކުރުމަށްވެސް އިމިގްރޭޝަނުން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ވަޒީފާދޭ ފަރާތްތަކާއި އާންމުންގެ އެއްބާރުލުމަށް ސަރުކާރުން ވަނީ އެދިފައެވެ.
