ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުން އިހާނެތިކޮށް ހިތައި ވިސާގެ ކަންކަމުގައި ދަތިކުރާތީ ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސާ އޭނާއާ ބައްދަލުކުރައްވައިފިއެވެ.
އެސްއެލްޕީ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ނަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ ދެވަނަ "ގެ" ކަމުގައި ސިފަކުރައްވާފައެވެ. ދެ ގައުމެއްގެ ދެމެދުގައި ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް، ބިނާކުރަނިވި މަޝްވަރާ މުހިންމުކަން ފާހަގަކުރައްވަމުން ނަމާލް ވިދާޅުވީ އެކުގައި ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށެވެ.
ލަންކާގެ 'ޑެއިލީ ނިއުސް' އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވިދާޅުވީ ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ދިގު ކިއޫތަކުގައި ވަގުތު ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ދިވެހި ދަރިވަރުންނާއި ބެލެނިވެރިން އަމިއްލައަށް ވިސާއަށް އެދި ހުށަހަޅާ ހާލަތްތަކުގައި، ވިސާ ހޯދުމަށްޓަކައި އެ ޑިޕާޓްމަންޓުގައި ގަޑިއިރުތަކެއް ވަންދެން މަޑުކުރަންޖެހޭ ކަމުގައި މަސްއޫދު ވިދާޅުވިއެވެ.
މީގެ އިތުރުން މަސްއޫދު ވަނީ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާގެ ކަންކަން ކުރިއަށް ގެންދާއިރު، އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭތީ، އެ ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް މާލީ ގޮތުން ފައިދާތަކެއް ލިބެމުންދާކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.
