ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަ މަރުހަލާގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ވެލިފުކެއްގެ މިންވަރު ވެސް އުނި ނުކޮށް އެ ބިންތައް ލިބޭނެ ކަމަށެވެ.

ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ފަދައިން ގޯތި ލިބިގެންދާނެ. ވެލިފުކެއްގެ މިންވަރު ވެސް އުނި ނުކޮށް، އިތުރަށް ފުރިހަމަ ކޮށްދެވޭނެ
ފަޒުލް

ނިމިދިޔަ ސަރުކަރުން ވަނީ ސައިޓު އޭ ހިއްކާ ނިންމައިފައެވެ. ސައިޓް އޭގައި ހިއްކައިފައިވަނީ 10 ހެކްޓަރުގެ ބިމެވެ.

އާބަންކޯއިން އިތުރަށް ބުނީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށެވެ.

އެގޮތުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް އާބަންކޯއިން ބުނެއެވެ.

ހުޅުމާލެ ފަޅުން ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

ހުޅުމާލެއިން ހިއްކާ މި ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިން ކަމަށްވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ. ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.