އާބަންކޯއިން ހުޅުމާލޭގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފިއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހެނދުނު 8:30 ފެށިގެން ކުރިއަށް ގެންދިޔަ ހަފްލާގައި އާބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 1000 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ހަފްތާގައި ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެނެސްފައިވާއިރު ގިނަ އަދެއްގެ މީހުން ބައިވެރިވި އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ.

ދިވެހިން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމުގެ މުހިންމުކަމުކަމާއި ދިވެހިންނަކީ އެއް ލޭ ހިނގާ، އެއް އާއިލާއެއް ކަމަށާއި އެއްބައިވަންތަކަން ބީވިޔަދީގެން ނުވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުންނެވެ. ސުނާމީ ކާރިސާއަށް ފަހު ކޮން އަހަރުވެސް ޑިސެމްބަރު 26 ވަނަ ދުވަސް ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގެ ހުރިހައި ރަށެއްގައި ފާހަގަކުރެއެވެ.

މިފަދަ ގައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް އާބަންކޯއިން އަބަދުވެސް އިސްކަންދޭއިރު އެފަދަ ގައުމީ މުނާސަބަތުތަކުގައި އާބަންކޯގެ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުން އަބަދުވެސް ފެނެއެވެ.