ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތު ކުރާ އެ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) ގެ އަގުބޮޑު މުދާތައް ހިފެހެއްޓި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލަން ރަޖިސްޓްރާ ނިންމި ނިންމުން ބާތިލްކޮށް، ހައިކޯޓުން އެ މައްސަލަ ބަލައިގެންފިއެވެ.

އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފައެވެ.

އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމާފައިވަނީ މަމްދޫހު ހުށަހެޅި ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާގައި އެއްވެސް ގާނޫނަކާ ނުވަތަ ގާނޫނީ އުސޫލަކާ ހަވާލާދީފައެއް ނުވުމުގެ އިތުރުން ދެވަނަ ނުކުތާގައި މަންޑޭގެ ފަރާތުން ފާހަގަކޮށްފައިވަނީ ސްޕްރީމް ކޯޓު ގަޒިއްޔާއެއް ނަމަވެސް އިސްތިއުނާފު ކުރެވޭ އަމުރަކީ މަނީލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ އަމުރަކަށްވާތީ އެ އަމުރު ސްޕްރީމް ކޯޓުގެ ގަޒިއްޔާ ތަތުބީގުކުރެވޭ ގޮތެއް ސާފުކޮށްދީފައި ނުވާތީއެވެ.

މަންޑޭ ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ރަޖިސްޓްރާ ނިންމި ނިންމުން ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ އެ ނިންމުން ބާތިލްކުރުމަށް އެދި މަންޑޭ ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މައްސަލަ ބެލި 3 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަން އެނގެން ނެތުމުން އެ ނިންމުން ބާތިލް ކުރަން ނުފެންނަ ކަަމަށެވެ. ނަމަވެސް މައްސަލަ ނިންމާފައި ވަނީ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲގެ ރައުޔާ އެއްގޮތަށެވެ. އެ ދެ ފަނޑިޔާރުންގެ ރައުޔަކީ އިސްތިއުނާފު ބަލައިގަތުމަށް ގާނޫނީ ބަހުސެއް އޮތް ކަމަށްވާތީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަންޑޭ މަކަރާއި ހީލަތުން ވިއްކިކަމަށް ތުހުމަތު ކުރެވޭ މައްސަލައުގައި އޭނާގެ އަގުބޮޑު މުދާތަކެއް ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ހިފަހައްޓާފައިވަނީ ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސްއާއި ބްރޭންޑެޑް އަތްދަބަހާއި އަގު ބޮޑު ގަހަނާ އަދި އަންނައުނު ފަދަ ތަކެއްޗެވެ.

ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާގެ އިތުރުން މަނީ ލޯންޑްރިން ކުށުގެ 1 ދައުވާއެވެ.