ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރާއިރު އެއީ މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ. މަންޑޭގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި ޓެކުމުގެ 46 ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން ގާޒީ ނަދީމް ވިދާޅުވީ އެއް އެޕާޓްމެންޓެއް އެކި މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން ފައިސާ އަތުލާފައިވާ ކަމަށާއި ފްލެޓްތައް ވިއްކުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މަންޑޭ ކަމަށާޢީ އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރީ ޖައިޝާން ކަމަށް ވާތީ އެއީ އެނގި ތިބެ، ގަސްދުގައި ކުރި ކަމެއް ކަމަށެވެ. ފައިސާ ނެގުމަށްފަހު އެ ފައިސާ އަމިއްލަ ކަންކަމަށް މަންޑޭ ބޭނުން ކޮށްފައިވާ ކަމަށާއި އެޕާޓްމެންޓްތައް ނިންމައި، ހަވާލުކުރަންޖެހޭ މުއްދަތުގައި ހަވާލު ކޮށްފައި ނުވާތީ ޓެކުމުގެ ދައުވާތައް މަންޑޭގެ މައްޗަށް ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެއެވެ. އެއީ ޓެކުމުގެ 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާ އާއި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ އެއް ދައުވާއެވެ. މި މައްސަލއިގައި ޖައިޝާންގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާ އެވެ. އަދި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާ ވެސް ޖައިޝާންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމިއެވެ.
މިހާތަނަށް މަންޑޭގެ މައްޗަށް ކުރި 94 ދައުވާއެއް ސާބިތުވެފައިވާ ކަމަށް ނިންމައި ހުކުމް ކޮށްފައިވާ އިރު، ބާކީ ހުރި ދައުވާތަކާއި އަދަބު ކަނޑައެޅުން އަންނަ އަންގާރަ ދުވަހު ބާއްވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މަންޑޭ ގަނެފައިވާ އެޕާޓްމެންޓް ދައުލަތަށް ނެގުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަށް މަންޑޭ ހާޒިރު ނުވުމުން އޭނާ މިއަދު ކޯޓަށް ހާޒިރުކުރީ ވެސް ބަންދުގައި ބަހައްޓައިގެންނެވެ. މަންޑޭގެ މައްޗަށް 94 ދައުވާތައް ސާބިތުވުމާއެކު، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ވަނީ އަމުރު ކޮށްފައެވެ.
